ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މިއަދު އޮންނާނެއެވެ.
ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. މި މައްސަލައިގެ އަޑުހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހު އެވެ.
ފާރިސްގެ ފަރާތުން، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި 23 ކަމެއް ހުށަހަޅާފައިވާއިރު، އެ އަޑުއެހުމުގައި ވަނީ 15 ވަނަ ހުށަހެޅުމާއި ހަމައަށް ކުރިއަށް ގެންގޮސްފަ އެވެ. މިއަދު ހެނދުނު 10:00 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ 16 ވަނަ ހުށަހެޅުމުން ފެށިގެން 23 ވަނަ ހުށަހެޅުމާއި ހަމައަށް ކުރިއަށް ގެންދިއުމެވެ. ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރުމަށް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. ފާރިސް ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.
ފާރިސްގެ މައްސަލަ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވާއިރު، އެމައްސަލަ ކުރިއަށް ނުދާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެމައްސަލަ ކުރިއަށް ނުދާތީ ޖޭއެސްސީއަށްވެސް އެމައްސަލަ ވަނީ ހުށަހަޅާފައެވެ. ފާރިސްގެ ވަކީލު މައުމޫން ޙަމީދު ވަނީ، އިސްތިއުނާފުގެ މުއްދަތު 60 ދުވަހުން 10 ދުވަހަށް 2015ވަނަ އަހަރު ސުޕްރީމް ކޯޓުން ބަދަލުކުރީވެސް އިންސާފު އަވަސްކުރުމަށްކަމަށް ބުނެފައިކަން ފާހަގަކުރައްވައި، ފާރިސްގެ އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުދާތާ 100 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރު ކުރިއިރު، ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. ފާރިސް ބަންދުކޮށްފައިވަނީ މާފުށީ ޖަލުގައެވެ. ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އާއިލާގެ އެހެން ބޭފުޅުން ދޭތެރެ ދޭތެރެއިން އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް މާފުއްޓަށް ވަޑައިގަންނަވައެވެ.