ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވިއަންގެ ހެޑް އޮފް ފައިނޭސް އެންޑް އެކައުންސް، މުހައްމަދު ޝާހީން ރާއްޖެއެމްވީ އަށް ވިދާޅުވީ މިއަދު ހެނދުނު ރާއްޖެ ގެނައީ ޓްވިން އޮޓާ މަރުކާގެ ސީޕްލޭނެއް ކަމަށާއި އެ ބޯޓަކީ ކެނެޑާއިން ގެނައި ބޯޓެއް ކަމަށެވެ.
މިދިޔަ އަހަރު ވެސް މޯލްޑިވިއަނުން ވަނީ ހަތަރު ސީޕްލޭނެއް ރާއްޖެ ގެނެސްފައެވެ. އެ ކުންފުނީގައި 13 ސީޕްލޭން އޮތްނަމަވެސް، ހިދުމަތް ދެމުން ގެންދަނީ 11 ބޯޓުންނެވެ. ދެ ބޯޓު ގްރައުންޑުކޮށް، ހިދުމަތަށް ނެރުމަށް ތައްޔާރުކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އެ ކުންފުނިން ބުނީ ޑޭޝް އަށެއްގެ 50 ސީޓުގެ ބޯޓަކާއި އޭ-330ގެ ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރު ސީޕްލޭނެއް ވެސް މިއަހަރުގެ ތެރޭގައި ގެނައުމަށް ވަނީ ނިންމައިފަ އެވެ.
މިއަދު ގެނައި ސީޕްލެއިނާ އެކު މޯލްޑިވިއަންގެ އެއާކްރާފްޓު ފްލީޓުގައި ހިމެނޭ ބޯޓުގެ ޖުމްލަ އަދަދު 24އަށް އަރައެވެ.
އެއީ އެއާބަސްގެ ދެ ބޯޓާއި، 13 ސީޕްލޭން އާއި، ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަ ޑޭޝް8 މަރުކާގެ ނުވަ ބޯޓެވެ.