ވޭތުވެދިޔަ ދެހާސްތަސާރަ ވަނަ އަހަރު ތަންތަނަށް ގެއްލުންދިނުމުގެ މައްސަލަތައް 21 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ޖިނާއީ މައްސަލަތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ތަންތަނާއި މުދަލަށް ގެއްލުންދިނުމުގެ 455 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ތަންތަނަށް ގެއްލުންދިނުމުގެ މައްސަލަތަކުގެ އަދަދު މަދެވެ. އެގޮތުން 2016 ވަނަ އަހަރު ތަންތަނަށް ގެއްލުން ދިނުމުގެ މައްސަލަތައް 359އަށް އަރައެވެ. އެ ތަފާސްހިސާބުން އަޅާކިޔާއިރު، މުދަލާއި ތަންތަނަށް ގެއްލުންދިނުމުގެ މައްސަލަތައް މިދިޔަ އަހަރު ވަނީ 21 ޕަސެންޓަށް އިތުރުވެފައެވެ.
ނަމަވެސް ރާއްޖޭގައި މިދިޔަ އަހަރު ހިންގި ޖިނާއީ ކުށްތަކުގެ އަދަދު، ނިސްބަތުން ވަނީ މަދުވެފައެވެ. އެގޮތުން ކުށުގެ މައްސަލަތައް ފަސް ޕަސެންޓަށް ދަށްވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުން ދައްކަ އެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭގައި ހިނގައިދިޔަ ކުށުގެ މައްސަލަތަކުގެ އަދަދު 12،775އަށް އަރައެވެ. ނަމަވެސް އޭގެ ކުރީ އަހަރު ރާއްޖޭގައި ހިނގައިދިޔަ ކުށުގެ މައްސަލަތަކުގެ އަދަދު އެއަށްވުރެ އިތުރެވެ. އެގޮތުން 2016 ވަނަ އަހަރު ހިނގައިދިޔަ ޖިނާއީ މައްސަލަތަކުގެ އަދަދަކީ 13،580 އެވެ. ދެހާސްސޯޅައާ އަޅާކިޔާއިރު، މިދިޔަ އަހަރުގެ ކުށުގެ މައްސަލަތައް ފަސް ޕަސެންޓަށް ވަނީ ދައްވެފަ އެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭގައި 770 މާރާމާރީ ހިންގާފައިވެ އެވެ. އަދި ވައްކަމުގެ މައްސަލަތަކުގެ އަދަދު 3503އަށް އަރައެވެ. ނިމިދިޔަ ޑިސެމްބަރު މަހުގެ ކުށުގެ ރެކޯޑުތަކަށް ބަލާއިރު މަސްތުވާތަކެތީގެ މައްސަލަތައް 174އަށް އަރައެވެ. އަދި މާރާމާރީގެ މައްސަލަތައް 58އަށް އަރައެވެ.