މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުން ސަފާރީއެއް ބަލައި ފާސްކުރުމަށް ފަހު ގެންގޮސްފައިވާ ރާފުޅިތައް ދޫކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ ކޯޓު އަމުރަށް ފުލުހުން ހިލާފުވެއްޖެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން "ޑިމެންޝަން" ނަމަކަށް ކިޔާ ސަފާރީއެއް ބަލައި ފާސްކޮށް އޭގައި ހުރި ރާފުޅިތަކެއް ފުލުހުން ގެންގޮސްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އޭގެ ވެރިފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެތަކެތި ވީހާ ވެސް އަވަހަކަށް ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. އެ އަމުރު ފުލުހުންގެ މައްޗަށް ކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އެ ތަކެތި ދޫކޮށްފައި ނުވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައި ވާތީ ކަމަށެވެ.
ކޯޓުން ވަކި ގޮތަކަށް ކަމެއް ކުރުމަށް އަމުރެއް ކުރުމުން އެ އަމުރު އިސްތިއުނާފު ކުރުމަށް ނިންމާފައި އޮތުމަކީ އެ އަމުރު ތަންފީޒުނުކޮށް ލަސްކުރެވޭނެ ހުއްޖަތެއް ނޫން ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ. އޭގެ މިސާލެއް ގޮތުން ގާނޫނީ ބޭފުޅުން ނަންގަވަނީ މީހަކު ޖަލަށް ލުމަށް ނުވަތަ ބަންދު ކުރުމަށް ކޯޓުން އަމުރެއް ކުރުމުން މައްސަލަ ރައްދުވާ ފަރާތުން އެ ހުކުމް އިސްތިއުނާފުކުރުމަށް ނިންމި ނަމަވެސް ގާނޫނު ތަންފީޒުކުރާ މުވައްސަސާއަކުން އެމީހަކު ބަންދުކުރުމެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ދޫކޮށްލުމަށް ކޯޓުން އަމުރެއް ކޮށްފި ނަމަ އެ ހުކުމް އިސްތިއުނާފުކުރަން ދައުލަތުން ބޭނުންވި ނަމަވެސް އެމީހަކު ދުކޮށްލަން ޖެހެއެވެ.
ސަފާރީން ނެގި ރާފުޅިތައް ދޫކޮށްލުމުގެ އަމުރެއް ނެރެދިނުމަށް އެދި އޭގެ ވެރިފަރާތުން ކޯޓުގައި އެދުމުން އެ މައްސަލަ ބެއްލެވި އެ ކޯޓުގެ އިސް ގާޒީކަމާ ހަވާލުވެ ހުންނެވީ އާދަމް އާރިފު ވަނީ އެ ތަކެތި ދޫކޮށްލަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހިފެހެއްޓޭ މުދަލުގެ އިންވެންޓްރީ އެކުލަވާލުމަށް ފަހު އޭގެ ކޮޕީއެއް ބަލާ ފާސްކުރެވުނުތާ 48 ގަޑިއިރުގެ ތެރޭގައި މުދަލުގެ ވެރިފަރާތްތައް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް ނެދޭން ވާނެ ކަމަށް ޕްރޮސެކިއުޓް ކުރުމުގެ އިޖްރާއަތުގެ ގަވައިދުގައި ބުނެފައިވީ ނަމަވެސް ފުލުހުން އަމަލުކުރީ އެއާ ހިލާފަށް ކަމަށް ވަނީ ބުނެފައެވެ. އެގޮތުން 21 ޑިސެމްބަރުގައި ސަފާރީ ބަލާ ފާސްކުރުމަށް ފަހު ރާފުޅިތައް ގެންދިއުމަށް ފަހު ހިފެހެއްޓި މުދަލުގެ އިންވެންޓްރީގެ ކޮޕީއެއް ދީފައި ވަނީ 24 ޑިސެމްބަރު ކަމަށް ގާޒީ ފާހަގަ ކުރައްވާފައިވެއެވެ.
ހަމައެހެންމެ ބަނގުރާ ގެންގުޅުމާއި ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހްމަތުގައި އެ ސަފާރީގައި ވަޒީފާ އަދާކުރާ ބަޔަކު އެ ސަފަރީ ބަލާ ފާސްކުރުމަށް ފަހު ހައްޔަރުކޮށްފައިވީ ނަމަވެސް އެ ސަފާރީން ގެންދިޔަ ރާފުޅިތަކަކީ އެމީހުންގެ އެއްޗިހި ނޫން ކަން އެނގޭ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެއެވެ. އަދި ސަފާރީން އެރާފުޅިތައް ގެންދިޔަތާ ހަ ދުވަސް ފާއިތުވިއިރު ވެސް ބަނގުރާއާ ގުޅޭ އެއްވެސް މައްސަލައެއްގައި އެ ސަފާރީގެ ވެރިފަރާތް ކަމަށްވާ އިބްރާހިމް ހުޝާންގެ މައްޗަށް ތުހްމަތެއްކޮށް މައްސަލައެއް ތަހްގީގު ކުރުމުން ނުދާ ކަމަށް ފުލުހުންގެ ފަރާތުން އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ސަފާރީގައި މަސައްކަތްކުރާ މުވައްޒަފަކު މާލެ އިން ހައްޔަރުކުރިއިރު އޭނާގެ އަތުން ހަތް ފުޅި ރާ ފެނުނުން ނަމަވެސް އެއީ އެ ސަފާރީގެ އެއްޗިހިކަން ފުލުހުންނަށް ސާބިތުނުކޮށްދެވޭ ކަމަށް ވެސް ކޯޓުން ފާހަގަ ކޮށްފައިވެއެވެ.
ސަފާރީގެ ވެރިފަރާތަކީ ދިވެހި ރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ހުއްދަ ދީފައިވާ ފަރާތެއް ކަމަށާއި އެ ރާފުޅިތަކަކީ އެ ހުއްދައިގެ ދަށުން އެތެރެކޮށްފައިވާ އެއްޗަކަށްވާއިރު އެ ބެހެއްޓުމަކީ އެއީ ގާނޫނު އުގޫބާތުގެ ބަޔާންކުރާ ފަދަ ކުށެއް ކުރުމުގެ އާލާތެއް ބެހެއްޓުން ކަމަށް ނުބެލެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.