ޤާނޫނު އަސާސީގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު ނުބާއްވައި، ޤާނޫނު އަސާސީއާ ހިލާފަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އަމަލުކުރާތީ އެ ކޮމިޝަންގެ މެމްބަރުންގެ އަތުގައި ހިފައިގެން ކޯޓުތަކަށް ވަންނާނެ ކަމަށް މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް ބުނާ ދާއިރާތަކުގެ ބައި-އިލެކްޝަންތައް ބާއްވަން ސަޕްލިމެންޓަރީ ބަޖެޓުން ފައިސާ ހަމަޖައްސައި ދިނުމުން ވެސް، އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތައް ބާއްވާފައެއް ނުވެއެވެ. އަދި އިންތިހާބު ނުބޭއްވޭ ސަބަބެއް ވެސް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް، އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ވާނެއެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ޢާންމު އިންތިހާބާ ދެމެދު އޮތީ ހަ މަސްދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ކަމުގައި ވާ ނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.
ޤާނޫނު އަސާސީގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު ބާއްވާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އިންތިހާބު ބޭއްވިޔަސް ނުބޭއްވިޔަސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އަތުގައި ހިފައިގެން ދިވެހިރާއްޖޭގެ ޝައުރީ ކޯޓުތަކަށް ވަންނާނެ ކަމަށާއި، ޝަރުއީ ކޯޓުތަކަށް ވަންނާނީ އިންސާފު ހޯދުމަށް ކަމަށެވެ. އަދި މަޤާމުގެ ޖާހަތަށްޓަކައި އެތައް ހާސް ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތީމައި އެކަމުގެ ހިތި ރަހަ ދެކޭނެ ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.
Inthikhaabeh beyviyas nubeyviyas, @ElectionsMv ge membarun athuga hifaigen Dhivehi Raajjeyge Sharu'ee Court thakah, insaafu hoadhumattakaa vannaanan.
— Mohamed Ameeth (@MohamedAmeeth) December 31, 2017
Magaamuge jaahathattakaa ethah'haas rayyithegge hagguthah nigulhaigathyma, eyge hithi raha dhekeyne, IA.https://t.co/jKNtUbZ0Ie
އަމީތަކީ ވެސް މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ. އަމީތުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައި ވަނީ އޭނާ ޕާޓީ ވަކިކޮށްފައިވާ ކަމަށް ބުނުމަށް ފަހުއެވެ. ނަމަވެސް އަމީތަކީ ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިން ޕާޓީ އިން ވަކިވުމަށް އެދި ހުށައެޅި ބޭފުޅެކެވެ.