އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ ހެދުމުގެ މަސައްކަތް ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްޑީޕީން ބުންފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ 2018 ވަނަ އަހަރު އެޕާޓީން އެންމެ އިސްކަމެއް ދޭނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކަމަށެވެ. ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތް ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
ހަސަން ވިދާޅުވީ އެޕާޓީގެ މެނިފެސްޓޯ އެކުލަވުމުގެ މަސައްކަތް ފެށުމުން، މެނިފެސްޓޯގައި ހިމަނަން ބޭނުންވާ ދާއިރާތަކާއި ކަންކަން ދެނެގަތުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރުމަށް ތާވަލެއް ކަނޑައެޅިގެންދާނެ ކަމަށެވެ. މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން އެކަމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އަތޮޅުތެރެއަށް ވެސް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.
" 2018 ވަނަ އަހަރު އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތަކަށް އޮންނާނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު. އެ ރިޔާސީ އިންހާބަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ކުރާ މަސައްކަތް 2018 ވަނަ އަހަރު އަޅުގަނޑުމެން ކުރާނީ. އެގޮތުން ޖެނުއަރީ މަހުގެ ތެރޭގައި އަޅުގަނޑުމެންނަން އަޅުގަނޑުމެންގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފެށޭނެ. ދެން ހަމަ އެއާއެކު އެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، އަޅުގަނޑުމެންނަން ތާވާލެއް އެކުލަވާލެވޭނެ. އޭގެ ތެރޭގައި މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމާއި، ހަމަ އެއާއި އެކު، ރަށްރަށް ކުރާ ދަތުރުތަށް ވެސް ފެށޭނެ. މި ހުރިހާ ކަމެއްގެ ތާވަލެއް އަޅުގަނޑުމެންނަން އެކުލަވާލެވޭނެ. އެކުލަވާލައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު އަޅުގަނޑުމެން ތިބޭނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން،" ހަސަން ލަތީފް ވިދާޅުވިއެވެ.
މެނިފެސްޓޯ ހެދުމުގެ މަސައްކަތް ފެށުމަށް ފަހު، އެކުލަވާލެވޭ ތާވާލާ އެއްގޮތަށް މަސައްކަތް ކުރުމުން އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީއަށް ފުރިހަމައަށް ތައްޔާރުވެވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.