ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެ އެކަށީގެންވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްކަމަށް ރާއްޖެ ޓީވީގެ ޓްވިޓަރ ޕޯލްއިން ދައްކައިފިއެވެ.
ރާއްޖެ ޓީވީއިން އާދިއްތަ ދުވަހުގެ ރޭ ހުޅުވާލި ޕޯލް 24 ގަޑިއިރަށް ކުރިއަށްދިޔައިރު، އެޕޯލްއަށް 10,376 މީހުން ވޯޓު ލާފައިވެއެވެ.
މި ޕޯލްގައި ވޯޓުލީ މީހުންގެ 43 އިންސައްތަ މީހުން ބުނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން އެންމެ އެކަށީގެންވަނީ ޤާސިމް އިބްރާހިމް ކަމަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އެންމެ އެކަށީގެންވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުކަމަށް ޕޯލްގައި ބައިވެރިވި 25 އިންސައްތަ މީހުން ދެކެއެވެ. މީގެ އިތުރުން އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ނިކުންނަން ފެންނަކަމަށް 30 އިންސައްތަ މީހުން ބުނިއިރު، ރައިސް މައުމޫން އިދިކޮޅު ކެންޑިޑޭޓަށް ވުމަށް ފެންނަކަމަށް 2 އިންސައްތަ މީހުން ބުންޏެވެ.
ރާއްޖެ ޓީވީއިން ހުޅުވާލި ޕޯލްއަށް 189 މީހުން ކޮމެންޓްކޮށްފައިވެއެވެ. އަދި 323 މީހުން ޕޯލް ރީޓްވީޓްކޮށްފައިވާއިރު، ޕޯލްއަށް 229 ލައިކްސް ލިބިފައިވެއެވެ.
ޤާސިމް އިބްރާހިމް މިވަގުތު ހުންނެވީ ޖަރުމަންވިލާތުގައެވެ.