މިފެށުނު 2018 ވަނަ އަހަރު އެންމެ އިސްކަންދޭންވީ ކަމަކީ ރައްޔިތުންގެ މަޖިލިސް މިނިވަންކުރުމަށް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އާއަހަރާ ގުޅިގެން ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 2018 ވަނަ އަހަރު އެންމެ އިސްކަމެއް ދޭންވީ، މަޖިލީހަށް އިންތިޚާބުވެފައިވާ އެންމެހާ އިއްޒަތްތެރި މެމްބަރުންގެ މެމްބަރުކަން ކަށަވަރުކޮށްދީ، އެބޭފުޅުންގެ ގޮނޑިކޮޅުތައް ޙިމާޔަތްކުރެއްވުމަށް ކަމަށެވެ. މީގެ އިތުރުން ޝަރުޢީ އުޞޫލުތަކާއި ޤާނޫނީ ހަމަތަކާއި ޚިލާފަށް ޝަރީޢަތް ހިންގައި، ނުހައްޤުން ޙުކުމްކުރެވި، ޖަލުގައި ހުކުމް ތަންފީޒުކުރައްވަން ޖެހިވަޑައިގެންފައިވާ އެކިއެކި ސިޔާސީ ލީޑަރުން މިނިވަންކޮށް، އެބޭފުޅުންނަށް ޤައުމީ ހަޔާތުގައި މިނިވަންކަމާ އެކު ހަރަކާތްތެރިވެވަޑައިގަތުމުގެ ފުރުސަތު ހޯދައިދިނުމަށް ވެސް 2018ގައި އިސްކަންދޭން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މިކަންކަން ކުރަމުންދާއިރު، މަޖިލީހުގެ ޖަލްސާތައް ޤާނޫނާ އެއްގޮތަށް ބާއްވައި، ޤާނޫނުގެ ތެރެއިން ކަންކަން ނިންމުމުގެ އިޚްތިޔާރު މަޖިލީހަށް ދޭން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެއާ އެކު ވެރިކަން ބަދަލުކުރުމަށް ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ނިމިދިޔަ އަހަރާ ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ، ފާއިތުވި އަހަރަކީ އަދަދު ނުކުރެވޭހާ ފަރުދުންނާއި، މުޅި ޤައުމަށް ހިތްދަތި ދުވަސްތަކެއް ވޭތުކުރަން ޖެހުނު އަހަރެއް ކަމަށެވެ. އަދި އޭގެ ދެތިން އަހަރު ކުރީއްސުރެ ފެށިގެން އައި ވައްކަމާއި، ކޮރަޕްޝަނާއި ޚިޔާނާތުގެ ޢަމަލުތައް އިތުރަށް ފުޅާވެ، މުޅި ޤައުމު ފަސާދައިގެ ހާއްޔަކަށް ވެގެންދިޔަ އަހަރެއް ކަމަށެވެ. އަދި ފާއިތުވި އަހަރު ދިވެހި ވެރިކަން ޑިމޮކްރަސީގެ އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައިވާ ކަމަށް ވެސް ރައީސް މައުމޫން ސިފަކުރެއްވިއެވެ.
މަޖިލިސް މިނިވަންކުރަން މިއަހަރު އިސްކަންދޭންޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއިރު، އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން 2017 ވަނަ އަހަރުގެ ބޮޑު ބައި ހޭދަކުރެއްވީ، އަދި މިހާރު ވެސް ހުންނެވީ ހުކުމެއް ނެތި ޖަލު ބަންދުގައެވެ. އަދި މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، 12 މެމްބަރެއްގެ މައްޗަށް ދަނީ ޝަރީޢަތްކުރަމުންނެވެ. ފާރިސްގެ އިތުރުން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ މައްޗަށް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ.