އާ އަހަރު ފާހަގަ ކުރުމަށް ސަރުކާރުން އިމްތިޒާމްކޮށްގެން، ކާނިވަލުގައި ބޭއްވި ޝޯއިން ފެނިގެން ދިޔައީ މުންކަރާތްތަކެއް ކަމަށާއި ދީނާ ހިލާފު އެފަދަ އަމަލުތައް ހުއްޓުވައި، ތަހުގީގު ކުރުމަށް ސަރުކާރަށް ހުށަހަޅާނެ ކަމަށް ޖަމިއްޔަތުއްސަލަފުން ބުނެފިއެވެ.
ޖަމިއްޔަތުއްސަލަފުގެ ނައިބު ރައީސް ޝެއިހް ހަސަން މޫސާ ފިކުރީ ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އާ އަހަރު ފާހަގަ ކުރުމަށް ޣައިރު މުސްލިމުން ގެނެސްގެން އާދީއްތަ ދުވަހުގެ ރޭ ހިންގި އަމަލުތައް އެ ޖަމިއްޔާއިން ކުށްވެރި ކުރާ ކަމަށާއި އެފަދަ މުނާސަބަތުތަކުގައި ހިންގާ މުންކަރާތްތަކާއި ފާހިޝްކަންކަން ހުއްޓުވުމަށް ހޯމް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށެވެ.
ފާހިޝް ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ހިންގާ މުނާސަބާތައް ޕްރޮމޯޓްވާ ގޮތަށް މީޑިއާތަކުން ލައިވްކޮށް ފޮނުވަމުން ގެންދާތީ، އެކަންތައްތައް ހުއްޓުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ހުށަހަޅާނެ ކަމަށް ވެސް ފިކުރީ ވިދާޅުވިއެވެ.
ޝެއިހް ވިދާޅުވީ ދީން ބަޔާން ކުރުމަކީ ދުވަހަކު ވެސް ސިޔާސީ ކަމަކަށް ހަދައިގެން ސަލަފުން ކުރި ކަމެއް ނޫން ކަމަށާއި ދީނީ ކަންކަމަކީ ސިޔާސީ ކަންކަމަކަށް ހަދައިގެން އުޅެނީ ސިޔާސީ މީހުން ކަމަށެވެ. ދީނީ އިލްމުވެރިން ބަސް ބުނަނީ ބަޔަކަށް ސިޔާސީ ފައިދާއެއް އަދި ގެއްލުމެއް ވާނެ ގޮތެއް ހޯދައިގެން، ވަކި މަގުސަދެއްގައި ނޫން ކަމަށް ވެސް ފިކުރީ ވިދާޅުވިއެވެ.
"ދީން ބަޔާން ކުރުމަކީ ސިޔާސީ ކަމަކަށް ހަދައިގެން ދުވަހަކު ވެސް އަޅުގަނޑުމެން (ޖަމިއްޔަތުއް ސަލަފު) ކުރި ކަމެއް ނޫން. ސިޔާސީ މީހުން، އެ ސިޔާސީ ކަމަކަށް ވެގެން އޭގެ ބޭނުން ކުރި ކަމުގައި ވިޔަސް ވެސް، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ބަސް ބުނުމުގައި ބަޔަކަށް އޭގެ ސިޔާސީ މަންފާއެއް ވާނެތޯ ނުވަތަ ނޫންތޯ ބަލައިގެން ބަސް ބުނާ ބައެއް ނޫން. އަޅުގަނޑުމެންގެ ބަސް، އިންޝާﷲ، އެ ދީނުގައި އޮތް ގޮތަށް އަދިވެސް އިއްވަމުން ދާނަން،" ޝެއިހް ފިކުރީ ވިދާޅުވިއެވެ.
މުންކަރާތްތަކާއި ފާހިޝް ކަންތައްތަކާއި ދީނާ ހިލާފު އެންމެހާ ކަންތައްތަކުގައި ދިވެހި ރައްޔިތުން ބައިވެރިނުވުމަށް ފިކުރީ ވަނީ އިލްތިމާސްކުރައްވާފައެވެ.
ފިކުރީ ވިދާޅުވީ ޝެއިޚުންނަށް އެއްޗެހި ގޮވުމަކީ ހައްލެއް ނޫން ކަމަށާއި އޭގެ ބޭނުމަކީ ކޮބައިކަން ބަލަންޖެހޭ ކަމަށެވެ. އަދި ދީން ފެތުރުމަށް ކުރަމުންދާ މަސައްކަތް އާހިރަތާ ޖެހެންދެން ދެމިތިބޭނެ ކަމަށާއި އެމަސައްކަތަށް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ފިކުރީ ވިދާޅުވިއެވެ.
"އަޅުގަނޑު އާންމު ރައްޔިތުންނަށް އިލްތިމާސްކުރަން ފާހިޝް އަމަލުތަކާއި މުންކަރާތްތަކާއި އެއްވެސް މުނާސަބަތެއްގައި ބައިވެރިނުވުމަށް. އެއީ އާ އަހަރު އެކަންޏެއް ނޫން. އެ ނޫން ކޮންމެ މުނާސަބަތެއްގައި ވެސް ދީން ނަހީކުރެއްވި ކަމެއް ކަމުގައިވާނަމަ އެއިން އެއްކިބާވާންޖެހޭނެ،" ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް އިސްލާމް ދީނުގެ ދިފާއުގައި ކަމަށް ބުނެ 23 ޑިސެމްބަރު އިއްތިހާދުގެ ބޮޑު އެއްވުމުގައި އަޑު އުފުލި ޝެއިހް ފިކުރީ ވިދާޅުވިއެވެ.