އާ އަހަރުގެ ފުރަތަމަ ދުވަހުގެ ހަވީރު ކުޑަ ވަގުތުކޮޅަކަށް ވެރިރަށް މާލެއަށް ވާރޭ ވެހުމާ އެކު، މަޖީދީމަގުގައި ފެންބޮޑުވެއްޖެއެވެ.
ދާދި ފަހުން "ރަނގަޅު ފެންވަރަކަށް" ހައުސިން މިނިސްޓްރީއިން ހެދި މަޖީދީ މަގުގައި، އެމަގު ހެދުމުގެ ކުރިން ވެސް ފެންބޮޑުވި ހިސާބުތަކާއި، މީގެ ކުރިން ވާރޭވެހުނަސް ފެންބޮޑު ނުވާ ހިސާބުތަކުގައި ވެސް ހޯމަ ދުވަހު ވަނީ ފެންބޮޑުވެފައެވެ.
މަޖީދީ މަގުގައި ފެންބޮޑުވެފައިވާއިރު، ކާނުތައް ފުރި، ފެން ހިނދެމުން ދިޔައީ ވަރަށް ލަހުންނެވެ. މަޖީދީ މަގުގައި ފެންބޮޑުވިއިރު، ހޯމަ ދުވަހު ހަވީރު ވާރޭ ވެހިފައި ވަނީ ވެސް ކުޑަ ވަގުތުކޮޅަކަށެވެ. މަޖީދީ މަގު ދާދި ފަހުން މަރާމާތުކޮށް ނިންމާފައިވާއިރު، މަގުގެ ބައެއް ސަރަހައްދުތަކުން ގާ ނެގުމުގެ ސަބަބުން އަޑިގުނޑަން ވަނީ އުފެދިފައެވެ.
މަޖީދީ މަގުގެ އިތުރުން އާދައިގެ މަތިން ވާރޭ ވެހުމުން ފެންބޮޑުވާ މާލޭގެ ބޮޑެތި އެހެން މަގުތަކުގައި ވެސް ހޯމަ ދުވަހު ވަނީ ފެންބޮޑުވެފައެވެ. މާލޭގެ މަގުތަކުގައި "ފެންބޮޑުވި ހަނދާނެއް ދިވެހިން ނެތް" ކަމަށް ސަރުކާރުގެ ވަޒީރުން ވިދާޅުވާއިރު، މާލޭގެ ބައެއް މަގުތަކުގެ ފެންވަރު މިހާރު އިހުނަށް ވުރެ ދަށް ކަމަށް މަގުތައް ބޭނުންކުރާ ފަރާތްތަކުން ބުނެއެވެ. މި ސަރުކާރުން މި ގޮތަށް ހިންގި ގިނަ މަޝްރޫއުތައް ދެ ވަނަ ފަހަރަށް އަދި ތިން ވަނަ ފަހަރަށް ވެސް މަރާމާތުކުރަން ޖެހުން ވަނީ އާންމު ކަމަކަށް ވެފައެވެ.