ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވަކިކޮށް، މަޖިލީހަށް ވަނަނުނިދިނުމަށްޓަކައި މަގުމަތިންނާއި މަޖިލީހުގެ އިދާރާއިން ހުރަސް އަޅަމުން ދިޔަ ނަމަވެސް އިދިކޮޅު މެމްބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެމްބަރުން 2017 ވަނަ އަހަރުގެ މަޖިލީހުގެ ފަހު ދައުރުގެ ހުރިހާ ޖަލްސާތަކަށް ހާޒިރުވެ ވަޑައިގަންނަވާފައި ވެއެވެ.
ނިމިދިޔަ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މަޖިލީހުގެ މިދިޔަ އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދިޔައިރު، ބޭއްވި ފައިވަނީ އެންމެ 11 ޖަލްސާއެވެ.
ސަރުކާރުންނާއި މަޖިލީހުގެ އިދާރާ އިން ދިމާވި ގޮންޖެހުންތަކާ އެކު ވެސް އެ 11 ޖަލްސާއަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ހަ މެމްބަރު ހާޒިރުވެ ވަޑައިގަންނަވާފައި ވެއެވެ. އެއީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ (ޖެނެރަލް ޑީޑީ)، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އަދި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިމްތިޔާޒު އާއި އީވާއަކީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ރައްޔިތުން އެ ދެ މެމްބަރުން އިންތިހާބު ކުރީއްސުރެން މަޖިލީހުގެ ޖަލްސާތަކުގެ ހާޒިރީ އެންމެ ރަނގަޅު އަދި މަޖިލީހުގައި އެންމެ ހީވާގިކަމާ އެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދެ މެމްބަރުންނެވެ. ހަމަ އެގޮތުން މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވާ ހުސައިން އަރީފަކީ ވެސް ގުޅިފައިވާ އިދިކޮޅު ފަރާތްތަކާ އެކު ވަރަށް ހީވާގިކަމާ އެކު ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަމުން ގެންދަވާ މެމްބަރެކެވެ. ހަމަ އެގޮތުން ޖެނެރަލް ޑީޑީ އާއި ޝަރީފް އަދި ބާރީއަކީ ވެސް ގުޅިފައިވާ ސިޔާސީ ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ މެމްބަރުންނެވެ.
މިދިޔަ އަހަރުގެ ފަހު ދައުރުގައި މައިގަނޑު ގޮތެއްގައި މަޖިލީހުގެ ޖަލްސާތަކުގައި އެޖެންޑާ ކޮށްފައި ވަނީ ވެސް ސަރުކާރުން ހުށަހެޅި ކަންކަމެވެ. އެގޮތުން އެކި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުން ހިމެނެއެވެ.
މިދިޔަ އަހަރު ފަހު ދައުރުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ނިންމާފައި ވަނީ އަހަރު ނިމެން ދެ މަހަށް ވެފައި ވަނިކޮށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއި މި 2018 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓެވެ.
ސަރުކާރުން ބޭނުންވާ ކަންކަން މަޖިލީހުގެ ތެރެއިން ކިރިޔާ ވެސް ކުރެވެން އޮތީ ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ވެގެން ކަމަށް ވާތީ ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުން ޖަލްސާތަކަށް ހާޒިރުވެފައި ވެއެވެ.
މީގެ ކުރިން އެންމެ ހާޒިރީއަށް ދަށްކޮށް އުޅުއްވާ އަދި ބައެއް ދައުރުތަކުގައި އެއްގޮތަކަށް ޖަލްސާތަކަށް ވަޑައި ނުގަންނަވާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދު (ސަން ޓްރެވަލް ސިޔާމް) ނިމިދިއަ އަހަރުގެ ފަހު ދައުރުގެ 11 ޖަލްސާއިން ފަސް ޖަލްސާގައި ބައިވެރިވެވަޑައި ގަންނަވާފައި ވެއެވެ.
މިފަހަކުން ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރަކީ ނިމިދިޔަ ދައުރު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓެވެ.
ސަރުކާރުން ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާއި މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފައިވާ އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށެވެ. އެ ދެ ބަޖެޓުގެ ބަހުސްގައި އިދިކޮޅު މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާފައެއް ނުވެއެވެ. އަދި ވޯޓުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެއް ނުވެއެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ބުނެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އެމައްސަލައަށް ވޯޓެއް އެހުމެއް ނެތި، މަސީހު ރިޔާސަތުގައި އިންނަވާ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށް ވެސް މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.