ގައުމާއި ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލިސް ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމަށް މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި، އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީއަށް ވުރެ ވެސް ގިނަ މެމްބަރުން އިތުބާރު ނެތް ކަމަށް ބުނަމުންދާއިރު، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކަމަށް ބުނެ، މީލާދީ އާ އަހަރުގެ ތަހުނިޔާ މެސެޖް ފޮނުއްވަމުން މަސީހު ވިދާޅުވީ 2018 ވަނަ އަހަރަށް މަރުހަބާ ކިޔާއިރު، އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ ދިވެއްސަކު ވެސް ގައުމާ މެދު ހެޔޮ ގޮތުގައި އަމަލު ކުރުމުގެ އަޒުމު އާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ގައުމު ދެކެ ލޯބިވުމާއި ގައުމަށް ހެޔޮއެދުމުގެ އަޒުމު އާކުރަންޖެހޭ ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމްދީނަށް ނަސްރުދީ ދިވެހި ގައުމު ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމުގެ އަޒުމް އާކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން، ގައުމު ތަރައްގީކޮށް ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ އަޒުމް ވެސް އާ ކުރަންޖެހޭ ކަމަށާއި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަ ކަމަށް މަސައްކަތް ކުރުމުގެ އަޒުމު އާކުރަންޖެހޭ ކަމަށް ވެސް މަސީހުގެ އާ އަހަރުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
އެކަންކަން އަމަލީ މައިދާނަށް ތިރިކޮށް ތައްފީޒުކުރުމުގައި އިތުރަށް ހަރަކާތްތެރިވުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މަސީހު ވިދާޅުވެފައި ވެއެވެ.
ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމުގައި މަޖިލިސް ފަހަތަށް ނުޖެހޭނެ ކަމަށް މަސީހު ވިދާޅުވިއިރު، މިދިޔަ އަހަރު ރައްޔިތުންނަށްޓަކައި މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ކުރެއްވީ ކޮންކަމެއްތޯ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މަޖިލީހުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެން ނުދާކަން ރައްޔިތުން ދަނީ ބުނަމުންނެވެ.
މީލާދީ އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ، ރައްޔިތުންނަށްޓަކައި މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް މަސީހް ވިދާޅުވިއިރު، މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓަށް ބަހުސް ކޮށްލައި ރައްޔިތުން ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނާލުމަށްޓަކައި ބަހެއް ވިދާޅުވުމަށް މަޖިލީހުގެ ގިނަ މެމްބަރުންނަށް ލިބިދީފައެއް ނުވެއެވެ.