ދައުލަތުގެ ބެލުމުގެ ދަށުގައި، ބަންދުކޮށްފައިވާ ގައިދީންގެ ތެރެއިން ފަސް ގައިދީއަކު މިދިޔަ އަހަރު ކުއްލި ގޮތަކަށް މަރުވިއިރުވެސް އެ މީހުންގެ މަރުގެ ހަގީގަތް ސަރުކާރުން ހާމަނުކޮށް އުޅެނިކޮށް އަހަރު ނިމިއްޖެ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ އެކި ޖަލުތަކުގައި ފަސް ގައިދީއަކު މަރުވެފައިވާއިރު، އޭގެ ކުރީ އަހަރު 2016 ވަނަ އަހަރު ވެސް ހަ ގައިދީއަކު މަރުވެފައިވެއެވެ. ދެހާސްސޯޅަ ވަނަ އަހަރު ޖަލުތަކުގައި މަރުވި މީހުންގެ އަސްލު ހޯދައި، އެ މައުލޫމާތު އާންމު ކޮށްފައެއް ނުވެއެވެ.
މިދިޔަ އަހަރު އެންމެ ފުރަތަމަ ޖަލުގައި މަރުވީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އުމުރުން 51 އަހަރުގެ ގައިދީއެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މެންދަމު ކުއްލި ގޮތަކަށް މަރުވީ ސ. ފޭދޫ، ސްނޯ ވައިޓް ހަސަން ސައީދުއެވެ. ސައީދު މަރުވީ ކުއްލި ގޮތަކަށް މެއަށް ތަދެއް އަރައިގެން ކަމަށް ބުނެފައިވެ އެވެ. އޭނާއަކީ 15 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއެކެވެ.
މިިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވެސް ޖަލުގައި ގައިދީއަކު މަރުވެފައިވެ އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުންދިޔަ މ. ވައިޖެހޭގޭ އުމުރުން 32 އަހަރުގެ އިބްރާހިމް އަސްގަރު މަރުވީ ވެސް ކުއްލި ގޮތަކަށެވެ. އޭނާގެ މަރުގެ ހަގީގަތެއް ވެސް ދައުލަތަކުން ހާމައެއް ނުކުރެ އެވެ.
މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ ގ. ކީމާ އަބްދުﷲ ރަޝީދު ބޭރަށް ހިންގާތީ ކަމަށް ބުނެ، އައިޖީއެމްއެޗްގައި އެޑްމިޓް ކުރި ދުވަހު ވަނީ މަރުވެފައެވެ. އޭނާގެ ކުއްލި މަރާގުޅިގެން ސުވާލުތަކެއް އުފައްދަމުންދަނިކޮށް، އޭނާގެ މަރުގެ ހަގީގަތް ހޯދުމަށް ތަހުގީގު ހިންގުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ. ނަމަވެސް އަބްދުﷲ ރަޝީދުގެ މަރުގެ އަސްލު ހަގީގަތެއް މިހާތަނަށް ހާމައެއް ނުކުރެއެވެ.
ހަކުރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ބުނެ، ފަރުވާ ދެމުންދަނިކޮށް ގައިދީއަކު މަރުވީ މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ. ދިހަ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ޖުލައި މަހުގެ 18 ވަނަ ދުވަހު މަރުވީ އުމުރުން 52 އަހަރުގެ ހ. ލަންދޫގެ އިރުމަތީބައި، މުޙައްމަދު ބަދީޢު އެވެ.
ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ގައިދީއަކު ޖަލުގައި މަރުވެފައިވެ އެވެ. ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބުނެ، މަރުވީ ސ. ހިތަދޫ ހަވާސާ، އުމުރުން 31 އަހަރުގެ އިބްރާހިމް މުސްތާގުއެވެ.
މި އަހަރު ޖަލުގައި މަރުވި ފަސް ގައިދީންގެ މަރުގެ ހަގީގަތާ ގުޅޭ ގޮތުން ތަފްސީލީ ގޮތެއްގައި ތަހުގީގު ހިންގައި، މަރުވި ގައިދީންގެ އާއިލާތަކަށް އެކަން އަންގާފައިވޭތޯ ސުވާލު ކުރުމުން، ކަރެކްޝަނަލް ސާވިސްއިން ޖަވާބެއް ނުދެއެވެ.
މިދިޔަ އަހަރު މަރުވި ފަސް ގައިދީންގެ ކުއްލި މަރުގެ ހަގީގަތް ތަފްސީލީ ގޮތެއްގައި ދައުލަތުން ހާމައެއް ނުކޮށް އުޅެނިކޮށް އަހަރު ނިމުނުއިރު، އެ މައުލޫމާތު އާންމުނުކޮށްގެން މިނިވަން މުއައްސަސާތަކުން ވެސް ކަންބޮޑުވުމެއް ފާޅެއް ނުކުރެއެވެ. ގައިދީންގެ ހައްގުތައް ކަށަވަރުކުރުމާއި ބޭސްފަރުވާ ޔަގީންކޮށްދިނުމާއި ގާނޫނޫ އަސާސީން ކަށަވަރު ކޮށްދީފައިވާ ދިރިހުރުމުގެ އަސާސީ ހައްގު ކަށަވަރުކުރުމުގައި ދައުލަތް ނުކުޅެދިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެވެ.