މިއަހަރު ރާއްޖެ ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިއަކަށް އިނގިރޭސިވިލާތުގެ ރައްޔިތަކު ވެއްޖެ އެވެ.
މިއަހަރު ރާއްޖެ ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިއަކަށް ވެފައިވަނީ އިނގިރޭސިވިލާތުގެ ޖޯޖިނާ ހޮލްބްރޫކް އެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު 7:03 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައި ދުބާއީގެ އެފްޒީ 559 ފްލައިޓުންނެވެ.
އަހަރުގެ ފުރަތަމަ ފަތުރުވެރިޔާގެ ނަސީބު އޭނާއަށް ލިބުނީ، އެންމެ ފުރަތަމަ ފްލައިޓުން ފައިބައިގެން، އިމިގްރޭޝަނަށް ގޮސް ވިސާ ޖަހައިގެންނެވެ.
އެމްއެމްޕީއާރްސީއާއި އެމްއޭސީއެލްގެ އިސްވެރިން ވަނީ ޖޯޖިނާއަށް މަރުހަބާ ކިޔާފައެވެ. 2018 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާކަން އަންގައިދޭ ލިޔުމަކާއި ހަދިޔާއެއް ޖީޖިނާއަށް ދީފައިވެއެވެ.
މިއަހަރު ރާއްޖެ ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔަކަށް އިނގިރޭސިވިލާތުގެ ރައްޔިތަކު ވި އިރު، 2016 ވަނަ އަހަރު ވެސް ރާއްޖެއަށް ފުރަތަމަ ޒިޔާރަތް ކޮށްފައިވަނީ އެގައުމުގެ ފަތުރުވެރިއެކެވެ.
ރާއްޖެއަކީ އެގައުމުގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް އެ ގައުމުގެ 94،258 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.