ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކޮންމެ މަހަކު ޕީޕީއެމަށް ޚަރަދު ކުރަން، އެ ޕާޓީން މަޖުބޫރުކޮށްފިއެވެ.
ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޕީޕީއެމަށް ޚަރަދު ކުރަން، އެ ޕާޓީން ނިންމާފައި ވަނީ މި ފެށުނު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ކޮންމެ މަހަކު އެވެ. އެގޮތުން ސަރުކާރުގައި ސިޔާސީ މާގާމު އަދާކުރައްވާ ސިޔާސީ އިސް ބޭފުޅުން މަދުވެގެން މަހެއްގެ މައްޗަށް ޕީޕީއެމަށް 1،000 ރުފިޔާ ދޭންޖެހޭނެ ކަމަށް އެ ޕާޓީން ވަނީ ކަނޑައަޅާފައެވެ.
މިއަހަރަށް ލަފާކޮށް، މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައިވާ ގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 800 އަށް ވުރެ ގިނައެވެ. އެ އަދަދުން ބަލާނަމަ ކޮންމެ މަހެއްގެ މައްޗަށް 800،000 އަށް ވުރެ ގިނަ ރުފިޔާ ޕީޕީއެމަށް ލިބޭނެއެވެ. އަދި އަހަރެއްގެ މައްޗަށް 9.6 މިލިއަން ރުފިޔާ ޕީޕީއެމަށް ލިބޭނެއެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދިން ފައިސާގެ ތެރެއިން އެންމެ ގިނަ ރުފިޔާ މިދިޔަ އަހަރު ލިބުނީ ވެސް ޕީޕީއެމަށެވެ. ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް މިދިޔަ އަހަރު 10 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އެ ނިސްބަތުން ބަލާނަމަ، މި އަހަރު އެ ޕާޓީއަށް ދައުލަތުގެ ބަޖެޓުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ދެއްވާ ފައިސާގެ އަދަދު 20 މިލިއަނަށް ކައިރިކުރާނެ އެވެ.