ގައުމުގެ ސިޔާސީ ކަންކަމުގައި އިސްދައުރެއް އަދާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާ، އެކަމުގައި މިފަހަރު ގޮތެއް ނިންމަވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރާއްޖެ.އެމްވީއާއި ވާހަކަ ދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ ގައުމުގައި އަދުލު އިންސާފު ގާއިމްކޮށް ގައުމުގައި އުފެދިފައިވާ ފަސާދަތައް ނައްތާލައި ގައުމު ހަމަޔަކަށް އަޅުވަން ބޭނުފުޅުވާ، އަދި ގައުމުގެ ހާލަތާމެދު ވިސްނަވާ ބޭފުޅުންކޮޅެއް އިސްނަންގަވައިގެން ސިޔާސީ ކަންކަމުގައި އޭނާ އިސްދައުރެއް އަދާކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް މިވަގުތު ކުރެވެމުންދާ ކަމަށެވެ.
ޑރ. މުނައްވަރު ވިދާޅުވީ މިގައުމުގެ ވެރިކަމާ ދެން ހަވާލުވާ ބޭފުޅެއްގެ ކިބައިން ގައުމު އެންމެ ފުރަތަމަ އެދެނީ ވަކިބައެއް ތަފާތު ނުކޮށް، ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ވެރިކަން ކޮށްދިނުމަށް ކަމަށެވެ. މީގެ އިތުރުން އަދުލު އިންސާފު ގާއިމް ކޮށްދޭން ޖެހޭ ކަމަށާ، ގައުމުގައި އަމާންކަމާ ސުލްހަ މަސަލަސްކަން ގާއިމް ކޮށްދޭން ޖެހޭ ކަަމަށް ވިދާޅުވިއެވެ.
ޑރ. މުނައްވަރުގެ މިވާހަކަތައް އާންމު ކުރެއްވި މިވަގުތަކީ އިދިކޮޅު ފަރާތްތަކުން އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމުގެ މުހިންމުކަން ބޮޑުކަމަށް އާންމު ކޮށްފައިވާ ވަގުތެކެވެ. ޑރ. މުނައްވަރަކީ ރައީސް މައުމޫނުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އެމްޑީޕީގެ ރައީސްގެ މަގާމް އަދާކުރެއްވިއެވެ.