ނިމިގެންދިޔަ 2017 ވަނަ އަހަރު މަދުވެގެން 81 ނޫސްވެރިން އެމީހުންގެ މަސައްކަތުގައި އުޅެނިކޮށް މަރާލާފައިވާ ކަމަށް އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އިން ބުނެފިއެވެ.
ނޫސްވެރިންނަށް ފުރައްސާރަ ކުރުމާއި ހަމަލާތައް އިތުރުވަމުންދާކަމަށް ވެސް އެ ޖަމާއަތުން ފާހަގަ ކޮށްފައިވެއެވެ. 2016 ވަނަ އަހަރު 93 ނޫސްވެރިޔަކު މަރާލެވިފައިވާއިރު 2017ވަނަ އަހަރު މަރާލާވުނު އަދަދު ކުޑަ ތަންކޮޅެއް ވަނީ ދަށްވެފައެވެ.
އައިއެފްޖޭއިން ބުނިގޮތުގައި 2017 ވަނަ އަހަރު ވަނީ މީގެ ކުރިން ދުވަހަކު ވެސް ހައްޔަރުކޮށްފައި ނުވާ މިންވަރަށް ނޫސްވެރިން ހައްޔަރު ކޮށްފައެވެ. މިހާރުވެސް 250 އަށް ވުރެ ގިނަ ނޫސްވެރިން ޖަލުގައި ތިބިކަން އެ ޖަމާއަތުން ފާހަގަކުރެއެވެ.
ބެލްޖިއަމްގައި ގާއިމްވެފައިވާ މި ޖަމްއިއްޔާއިން އާދީއްތަ ދުވަހު ނެރުނު އެ ޖަމާއަތުގެ އަހަރީ ރިޕޯޓްގައި ބުނެފައި ވަނީ އަމިއްލައަށް މައުލޫމާތު ފޮރުވަން މަޖުބޫރު ކުރުވާ މިންވަރު އިތުރުވުމާއި ނޫސްވެރިން މަރައި،ފުރައްސާރަކޮށް، ހަމަލާދީ،ބިރު ދައްކާ ފަރާތްތަކަށް އަދަބު ނުދެވުން އިތުރުވެފައިވާ ކަމަށެވެ.
އެންމެ ގިނައިން ނޫސްވެރިން މަރުވެފައިވަނީ އެމީހުންނަށް އަމާޒު ކޮށްގެންދީފައިވާ ހަމަލާތަކުގައާއި،ކާރުބޮމުގެ ހަމަލާތަކުގެ އިތުރުން ހަމަލާ ބަދަލުކުރެވެމުންދާ ސަރަހައްދުތަކުގެ ތެރެއިން ކަމަށް އައިއެފްޖޭއިން ބުނެއެވެ. ނަމަވެސް ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު ކެނޑެމުންދާއިރު ހަނގުރާމައިގެ ތެރޭގައި މަރާލެވޭ ނޫސްވެރިންގެ އަދަދު މަދުވަމުންދާ ކަމަށް އެ ޖަމާއަތުން ފާހަގަ ކުރެއެވެ. އެގޮތުން އައިއެސްގެ ބާރު 2017 ގައި ދަށްވެ މި މަހުގެ ކުރީކޮޅު އެ ހަނގުރާމަ ނިމިފައިވާ ކަމަށް އިއުލާނު ކޮށްފައިވުން ފާހަގަ ކޮށްފައިވެއެވެ.
އެންމެ ގިނަ ނޫސްވެރިން މަރާލާފައިވަނީ މެކްސިކޯގައި ކަމަށްވާއިރު އޭގެ ފަހަތުން އެ ލިސްޓްގައި އޮތީ އަފްޣާނިސްތާނާއި،އިރާގާއި ސީރިޔާއެވެ.
އައިއެފްޖޭގެ ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ނޫސްވެރިން މަރުވެފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުން ކަމަށްވާއިރު އެ ސަރަހައްދުން 26 މީހުން މަރުވެފައިވެއެވެ. އޭގެ ފަހަތުން އަރަބި ދުނިޔެއާއި މެދުއިރުމަތިން 24 ނޫސްވެރިން އަދި އެމެރިކާގެ ގައުމުތަކުން 17 ނޫސްވެރިން މަރާލާފައިވެއެވެ.