ރާއްޖޭގެ ޝަރުއީ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ސުޕްރީމް ކޯޓުން ނުހަދާ އޮއްވާ 2017 ވަނަ އަހަރު ނިމިގެން ހިނގައްޖެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާން ކުރާ ގާނޫނެކެވެ. މި ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޖުލައި 2 ވަނަ ދުވަހު އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގައި، އެ ގާނޫނަށް އަމަލުކުރަންފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ހަދަން ޖެހެއެވެ. އެ ގަވާއިދުތައް ހަދަން ޖެހެނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ސުޕްރީމް ކޯޓުންނެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދުތައް ހަދައި، އާންމުކޮށްފަ އެވެ.
އެހެން ނަމަވެސް، އެ ގާނޫނަށް އަމަލުކުރަން ފެށިތާ ތިން މަސް ދުވަސް، މިދިޔަ އަހަރުގެ އޮކްޓޯބަރު 2 ވަނަ ދުވަހަށް ފުރުނު އިރުވެސް، ޝަރުއީ އެންމެ މަތީ މަރުހަލާއިން ހަދަންޖެގޭ ގަވާއިދުތައް ހަދާފައިނުވެއެވެ. އަދި، 2017 ވަނަ އަހަރު ނިމިގގެން ދިޔައިރު ވެސް، ސުޕްރީމް ކޯޓުން އެ ގަވާއިދުތައް ހަދައި އާންމުކޮށްފައިނުވެ އެވެ.
ގަވާއިދު ނުހެދުނު ސަބަބާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ރަސްމީކޮށް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަންޖެހެނީ ޝަރީއަތް ކުރުމާ ގުޅޭ ގަވާއިދުތަކެކެވެ. ގަވާއިދުތައް ހަދާފައިނެތް ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތަށް އިޖުރާއަތުތައް ދަނީ ހިންގަމުންނެވެ. އެހެން ނަމަވެސް، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އޮންނަ ހާއްސަ ފޯމު ފަދަ ކަންކަމަކީ އެ ގަވާއިދުތަކާއެކު ހެދެން ޖެހޭ އުސޫލުތަކަށްވާއިރު، ގަވާއިދުތައް ނުހަދައި ޝަރީއަތްތައް ކުރިއަށް ގެންދެވިދާނެތޯ ބައެއް ވަކީލުން ސުވާލު އުފައްދަވައެވެ.
އެގޮތުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ޝަރީއަތުގައި އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެފައިވާ ގޮތުގައި، ގާނޫނަކުން ވަކި ގޮތަކަށް އަމަލުކުރުމަށް ބަޔާންކޮށްފައިވާނަމަ އެއީ ބަރީއަނުވެވޭނެ ކަމެކެވެ. ގާނޫނެއްގެ ވަކި ތަންކޮޅަކަށް އެކަނި އަމަލު ނުކުރެވޭނެކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވެފައިވާ ގޮތުގައި ގާނޫނުގައި ސުޕްރީމް ކޯޓުން ވަކި ގަވާއިދެއް ހަދަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާނަމަ އެއީ ދީފައި އޮންނަ އިޚްތިޔާރެއް ނޫނެވެ. އެއީ އެކަމުން ބަރީއަނުވެވޭނެ ވަރުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.