ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް 2018 އަހަރު 100 މިލިއަން ރުފިޔާ ހޭދަކުރުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އައު އަހަރުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި 'ވެލްކަމް 2018' ޝޯގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ޕްރޮމޯޓު ކުރުމުގެ ގޮތުން އަންނަ އަހަރު ވެސް ގިނަ ޝޯތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ގިނަ މަސައްކަތްތަކެއް މިއަހަރު ނިމޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ 2016 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންނަށް ވުރެ ނިމިގެންދިޔަ 2017 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަތް އިން ސައްތަ އިތުރުވެފައިވާ ކަމަށާއި މިއީ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ދޫ ދިނުމެއް ނެތި ކުރި މަސައްކަތުގެ ނަތީޖާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.