ހއ. އިހަވަންދޫއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން އަންނަ ބޯޓެއްގެ އިންޖީނަށް މައްސަލަ ދިމާވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިހަވަންދޫއިން ފުރައިގެން މާލެ ދަތުރުކުރަމުން އަންނަ 'ކާވިޔާ ބޯޓް' ގެ އިންޖީނަށް މައްސަލަތަކެއް ދިމާވެގެން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އިދާރާއަށް އެކަމުގެ ރިޕޯޓު ލިބިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 00:03 ގައި ކަމަށާއި އެ ބޯޓަށް އެ މައްސަލަ އެންމެ ފުރަތަމަ ދިމާވެފައިވަނީ ކަމަދޫ ކަނޑުން ކަމަށް ބުނެފައިވެއެވެ.
އެގޮތުން ބޯޓުގެ އިންޖީނުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން ބޯޓުގެ ސްޕީޑު ދަށްކޮށް ދަތުރުކުރަމުން އަންނަ ކަމަށާއި އެމްއެންޑީއެފްގެ ނޮދާން އެރީއާގެ ހާބާ ޕެޓްރޯލް ލޯންޗެއް އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ އިދާރާގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވާފައިވެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަމަދޫ ކަނޑަށް ބޯޓުގެ އިންޖީނު ހުއްޓިފައިވެސްއެވެ.