މާލޭގެ ހަތަރު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި މާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 17 އަހަރާއި 39 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅުގެ ދެ ގެއަކާއި މާފަންނު ގެއެއްގެ އިތުން މައްޗަންގޮޅީގެ ގެއެއް ބަލައިފާސްކުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި އެގެތަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 9 ރަބަރު ޕެކެޓާއި 133 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 3 ދަޅާއި ބޮޑު ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ 10 ރަބަރު ޕެކެޓާއި ޕްލާސްޓިކް ކޮތަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތުދީފަ އެވެ.