ނުހައްޤުން ބޮޑެތި އަނިޔާތަކެއް ލިބި، އަދި ހިތްދަތި ތަކުލީފުތަކެއް އުފުލަންޖެހުނު ނަމަވެސް ފަށާފައިވާ އިސްލާހީ މަސައްކަތުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އާ އަހަރާ ދިމާކޮށް، ޤާސިމް އިބްރާހިމް ނެރުއްވި ތަހުނިޔާގެ ހިތާބުގައި ވިދާޅުވެފައި ވަނީ މިއަދު ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވެފައި ވަނީ ސިޔާސީ، އިޖުތިމާއީ، އިޤްތިސާދީ އަދި ހާރިޖީ ދާއިރާގައި ރާއްޖެ މިއަދު ތަޖުރިބާކުރަމުންދާ ނުތަނަވަސް އަޑިގަނޑުން އަވަސް ފުރުސަތެއްގައި އަރައިގަނެވުން ކަމަށެވެ. އަދި ނުހައްގުން ބޮޑެތި އަނިޔާތައް ލިބެމުންދާ ކޮންމެ މީހަކާއި، މަޔަކާއި ބަފަޔަކާއި ދަރިއަކާއި އަދި ޢާއިލާއެއްގެ ލޮލުން ފައިބަމުންދާ ވޭނީ ކަރުނަތައް ހުއްޓުމަކަށް ގެނައުން ކަމަށް ޤާސިމް ވިދާޅުވި އެވެ.
"ރާއްޖޭގެ ގާނޫން އަސާސީގައި ބަޔާންކުރާ ފަރުދުންގެ އަސާސީ ޙައްގުތައް ކޮންމެ މީހަކަށް ވެސް ކަށަވަރުވުމެވެ. ކޮންމެ ރައްޔިތަކަށް ވެސް ޢަދުލް އިންސާފުގެ ޔަގީންކަން ލިބުމެވެ. ދީނީ ޚިޔާލް ތަފާތުވުންތައް ނެތް، އިސްލާމީ ޢަގީދާގައި ސާބިތުކަންމަތީ ތިބި، އަމާންކަން ގާއިމްވެފައިވާ ހިތްފަސޭހަ ވެށްޓަކަށް ދިވެހިރާއްޖޭގެ ވެށި ވުމެވެ. ރައްޓެއްސަކަސް ބީރައްޓެއްސަކަސް، ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޙައްގުތައް އަވަސް ފުރުޞަތެއްގައި ލިބިދެވޭ އިތުބާރު ހުރި ޒަމާނީ، ހިންގުމުގެ ނިޒާމެއް ގާއިމްވެފައިވާ ތަނަކަށް ރާއްޖެ ވުމެވެ،" ޤާސިމްގެ ބަޔާނުގައި ވިދާޅުވި އެވެ.
ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައި ވަނިކޮށް މިހާރު ޖަރުމަނުގައި ހުންނެވި ޤާސިމް ވިދާޅުވީ، ނަޞީބު ދިމާކުރި ގޮތުން ދިވެހި ރާއްޖެއާއި ދިވެހި ލޮބުވެތި ރައްޔިތުންނާ ކިތަންމެ ދުރުގައި ހުރި ނަމަވެސް، ނުހައްގުން ބޮޑެތި އަނިޔާތަކެއް ލިބި އަދި ހިތްދަތި ތަކުލީފުތަކެއް އުފުލަންޖެހުނު ނަމަވެސް، ފަށާފައިވާ އިޞްލާޙީ މަސައްކަތުގައި ހަމަ އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހި، ކުރިޔަށް ދިއުމުގެ ސާބިތު ޢަޒުމުގައި ހުންނެވި ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ހުވަފެންތައް ޙަގީގަތަކަށް ހަދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިޚްލާޞްތެރިކަމާ އެކު ރައްޔިތުންނާ ވަރަށް ގާތުގައި ހުންނެވި ކަމަށާއި ރޫޙީ ގޮތުން ކޮންމެ ރައްޔިތަކާ ވެސް އެންމެ ކައިރީގައި ހުންނެވި ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، ކުރިޔަށް އޮތް އަހަރަކީ ރައްޔިތުންގެ އެދުމާއި ހުވަފެންތައް ޙަގީގަތަކަށް ހެދުމަށް އެންމެ މުހިންމު ނިންމުން ނިންމުމަށް ރައްޔިތުންނަށް ލިބޭ އެންމެ ތަނަވަސް ފުރުޞަތު ލިބޭނެ އަހަރު ކަމަށެވެ. އެއީ ދިވެހިންގެ އުންމީދުތަކުގައި ކުލަ ޖައްސައިދިނުމަށް ވެރިޔަކު އިންތިޚާބްކުރާ އަހަރު ކަމަށާއި، މާޒީގެ ތަޖުރިބާއަށް ބަލައި، ދިވެހި ރައްޔިތުން ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާ އެކު މިފުރުޞަތަށް ތައްޔާރުވުމަށް ޤާސިމް އެދިވަޑައިގެންނެވިއެވެ. އަދި ދިވެހި ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ނޫނީ ފިޔަވަޅު ނާޅާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.