ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއިން 2017 ވަނަ އަހަރު ކުރި މަސައްކަތްތަކާއި ދޭތެރޭ އެޕާޓީގެ އާންމު މެމްބަރުން ފަހުރުވެރިވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
2017 ވަނަ އަހަރު އެމްޑީޕީއަށް ހާސިލްކުރެވުނު ކަންކަމަށް އިޝާރަތް ކުރައްވާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އިދިކޮޅު ހަތަރު ޕާޓީ އެކުގައި މަސައްކަތް ކުރުމަކީ އެމްޑީޕީ، އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮވެ ކުރެވޭ ކާމިޔާބު މަސައްކަތެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބުމަކީ ކާމިޔާބީއެއްކަން ފާހަގަ ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތަށް ސިޔާސީ ޕާޓީތަކަށް މަސައްކަތް ނުކުރެވެނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާއި ހިލާފަށް ކަންކަން ކުރައްވާތީ ކަމަށެވެ.
"ރައީސް ޔާމީން ގާނޫނާއި އެއްގޮތަށް ކަންކަން ކުރައްވާނަމަ، ރައީސް ޔާމީނެއް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އެހެންވީމަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ، ގުޅިފައިވާ ޕާޓީތަކުން ގިނަ ހަރަކާތްތަކެއް މުޅި ރާއްޖޭގެ ހިންގިއްޖެ، ގުޅިގިފައިވާ ޕާޓީތަކަށް އެކުގައި ތިބެ ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑު ބައި އަޅުގަނޑުމެންނަން މިހާރު އެވަނީ ކުރެވިފައި، އެއީ މާރޗް މަހުން ފެށިގެން މިއަދާ ހަމައަށް އައި އިރު އަޅުގަނޑުމެން ކުރި މަސައްކަތަކީ " ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވިއެވެ.
ސިޔާސީ ހަރަކާތް ހިންގުމަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ ސަރުކާރުން ހިފެހެއްޓުމުން އެމްޑީޕީއަށް މާލީ ގޮތުން ދަތިތަކާއި ކުރިމަތިވިކަން ފާހަގަކުރަމުން ހަސަން ލަތީފް ވިދާޅުވީ އެ ދުވަސްތަކުގައި ޕާޓީގެ ހަރަކާތްތަށް ހިންގުމަށް ފަންޑް ހޯދުމަކީ ގޮންޖެހުންތަކާއި ކުރިމަތިވި ކަމެއް ކަމަށެވެ. އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރައީސް ޔާމީންގެ ސަރުކާރުން އިންތިހާއަށް ހަނިކޮށްފައިވާ ކަމަށާއި، މާލޭގައި ސިޔާސީ ހަރަކާތް ހިންގުމަށް ފުރުސަތު ނުލިބޭއިރު، އަތޮޅުތެރޭގައިވެސް ހަރަކާތް ކުރިއަށް ގެންދަން ހުރަސް އަޅާ ކަމަށް ހަސަން ވިދާޅުވިއެވެ.
"ސިޔާސީ ކަންކަމުގައި އުޅޭ މީހުން ނުހައްގުން ޖަލަށްލާ އަނިޔާކުރުމާއި، މިހުރިހާ ކަމެއް ހިންގުމުގެ އިތުރުން ވަޒީފާގައި އުޅޭމީހުންނަށް ސަރުކާރުން ދައްކާ ބިރު، ބިރުދެއްކުން އެކަންޏެން ނޫން ވަޒީފާއިން ވަކިކުރުން ވެސް" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މުޅި ރާއްޖޭގެ ބިންތަކާއި ފަޅުތަށް ބޭރުގެ އެކި އެކި ކުންފުނިތަކަށް ގަވައިދާ ހިލާފަށް ދީފައި ވާއިރު، ދިވެހި ރާއްޖެ މިއަދު މި އޮތީ ޗައިނާއަށް ދަރަނިވެރި ވެފައި ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް މި ސަރުކާރުން ނުބަލާކަން ހަސަން ފާހަގަކުރެއްވިއެވެ.