ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ވާދަ ކުރެއްވޭނެ މާހައުލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު މާރބްލް ހޮޓެލްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރެވޭނެ މަގަކަށް ދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުން ކަމަށެވެ. އެގޮތުން އެއް ކެނޑިޑޭޓެއް ނެރުމަކީ މިއަދު ގައުމުގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ކަމަށް ގުޅިފައިވާ ސިޔާސީ ފަރާތްތަކުގެ އިސް ބޭފުޅުންނާއި އާއްމު ރައްޔިތުންވެސް ގަބޫލުކުރާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މާޗް މަހުގެ އިއުލާންކޮށް، މެއި މަހު ޕްރައިމެރީ ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ. އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށާއި ނަމަވެސް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެއް ކެންޑިޑޭޓެއް ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވާ ފަރާތްތަކަށް ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ އެންމެ މަގްބޫލް ޝަހުސިއްޔަތަކީ އަދި އެމްޑީޕީގެ އާންމު މެމްބަރުންނާއި ސަޕޯޓަރުން ބޭނުންވަނީ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަ ކުރެއްވުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ހޯއްދެވުމަށްޓަކައި ކުރަންޖެހޭ ކަންކަން އެމްޑީޕީން ކުރަމުންދާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނުވަތަ ނޫންކަން ކަނޑައަޅުއްވާނީ ރައީސް ނަޝީދު ކަމަށާއި ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ވެސް އޮންނާނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ވަކިވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވަނިކޮށް، އެމްޑީޕީގެ ކެންޑިޑޭޓް ހައްޔަރުކޮށް ޖަލަށްލައިފި ނަމަވެސް ދެން ހުރި ކެންޑިޑޭޓާއެކު އިންތިހާބުގައި ކުރިއަށް ގޮސް ރައީސް ޔާމީން ބަލި ކުރެއްވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ގުޅިފައިވާ ސިޔާސީ ފަރާތްތަކާއެކު މަސައްކަތް ކުރުމަށް އެމްޑީޕީން އޮތީ ތައްޔާރަށް ކަމަށެވެ.