ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް 2017 ވަނަ އަހަރު ހޯދުނު ކާމިޔާބެއް ނެތް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މަހުފޫޒު ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅުފަރާތްތަކަށް ކާމިޔާބު ނުހޯދުނު އެންމެ ބޮޑު ސަބަބަކީ ސަރުކާރުން ގިނަ ކަންކަން ގާނޫނީ އިމުގެ ބޭރުން ކުރަމުން ދިޔުން ކަމަށެވެ.
މަހުފޫޒު ވިދާޅުވީ އެހެން ނަމަވެސް އިދިކޮޅު ފަރާތްތައް 2017 ވަނަ އަހަރުވެސް އެކަތިގަނޑެއްގެ ގޮތުގައި ތިބިތަން ފެނުނު ކަމަށެވެ. ގާނޫނުތަކަށް ސަރުކާރުން އަމަލު ނުކުރުމަކީ އަނިޔާވެރިކަން ކަމަށާއި، 2017 ވަނަ އަހަރު ދިވެހި ގައުމުން އެމަންޒަރު ފެނުނު ކަމަށް މަހުފޫޒު ވިދާޅުވިއެވެ.
މަހުފޫޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވެފައިވަނީ "2017 ވެގެން މިދިޔައީ އަނިޔާވެރިންނަށް ކާމިޔާބު އަހަރަކަށް ކަމަށެވެ".
މަހުފޫޒަކީ ޝަރުއީ ނިޒާމުގައި އިސްލާހު ކުރަން ހުރި ކަންކަމަށް ފާޅުގައި ފާޑުވިދާޅުވާ ގާނޫނީ ވަކީލެކެވެ.