އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މާޗް މަހު ހުޅުވާލާނެ ކަމަށާއި މެއި މަހު ކެންޑިޑޭޓެއް އެނގިގެން ދާނެ ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު މާރބްލް ހޮޓެލްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިއުލާން ކުރާއިރު އެމްޑީޕީގެ މެނިފެސްޓޯވެސް އިއުލާން ކުރާނެ ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރުވުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަގު ޗާޓެއް އެކުލަވާލާފައިވާ ކަމަށެވެ.
ރިޔާސީ ކެންޑީޑޭޓެއް ހޮވި ނަމަވެސް، މަސައްކަތް ކުރަމުންދާނީ ގުޅިފައިވާ ސިޔާސީ ފަރާތްތަކާއެކު ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. ގުޅިފައިވާ ފަރާތްތަކުގެ މައިގަނޑު ވިސްނުން ހުރީ އެއް ކެންޑިޑޭޓެއް ނެރުމަށެވެ. އަދި އެމްޑީޕީގެ އުއްމީދަކީ ވެސް އެއް ކެންޑިޑޭޓެއް ނެރެމެވެ. އެއް ކެންޑިޑޭޓެއް ނެރުމަށް ގުޅިފައިވާ ސިޔާސީ ލީޑަރުން މަޝްވަރާކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ހަސަން ލަތީފް ވިދާޅުވީ ޕާޓީތެރޭގައި އެންމެ ބޮޑު ތާއިދެއް އޮތީ ރައީސް ނަޝީދަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކުރިން މަގުޗާޓެއްގެ ތެރެއިން ކަންކަން ކުރަމުން ގޮސް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލި ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަދަންޖެހޭ ގާނޫނުތަކާއި އިސްލާހު ކުރަންޖެހޭ ގާނޫނުތަކަށް އިސްލާހު ގެނެސް، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ގާއިމު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަމީންކަމެއް ގުޅިފައިވާ ސިޔާސީ ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްެރީ ގްރޫޕަށް ލިބިފައިވާ ކަމަށެވެ. މިހާރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ އަތުގައި ކަމަށާއި 2018 ވަނަ އަހަރު މަޖިލިސް ފެށުމާއެެކު ރައީސް ޔާމީންއަށް މަޖިލިސް ތަޅު އަޅުވައިގެން އިންނެވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ހަސަން ލަތީފް ވުިދާޅުވި އެވެ.
މީގެއިތުރުން ހަސަން ލަތީފް ވިދާޅުވީ މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނަކީ ރައީސް ޔާމީން ވިދާޅުވާ ގޮތެއް ހައްދަވާ ކޮމިޝަނަކަށް ވާތީ މިކޮމިޝަނާއެކު ރިޔާސީ އިންތިހާބަށް ނުދާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަކީ މިނިވަން ކޮމިޝަނަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.