ދެހާސް ސަތާރަ ވަނަ އަހަރު "ރައްޔިތުންގެ މަޖިލީހެއްގެ" ގޮތުގައި އޮތް މަޖިލީހެއް ފެނިގެން ނުދިޔަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ 2017 ވަނަ އަހަރު ފަސްދޮޅަސް ހާސް ރައްޔިތުން ތަމްސީލު ކުރަން ރައްޔިތުން އިންތިހާބުކުރި މެމްބަރުންގެ ބާރުތައް ގެއްލުވާލައިފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލުމަކީ ރައްޔިތުންގެ ހައްގުތައް ނިގުޅައި ގަތުން ކަމަށް އޭނާ ސިފަ ކުރެއްވެވި އެވެ.
ޝާހިދު ވިދާޅުވީ 2017 ވަނަ އަހަރު ފެނުނީ ހަގީގީ ރައްޔިތުންގެ މަޖިލީހެއް ނޫން ކަމަށެވެ. ހަގީގީ ރައްޔިތުންގެ މަޖިލީހެއް އޮތް ނަމަ އެ މަޖިލީހުގައި ރައްޔިތުން އިންތިހާބު ކުރައްވައިފައިވާ މަންދޫބުންނަށް ރައްޔިތުންގެ ހައްގުގައި ބަސް ވިދާޅުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
2017 ވަނަ އަހަރު ފާހަގަ ކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުންނެއް ޖަލަށްލައި ބަންދުކޮށް، ޖިނާއީ ދައުވާ އުފުލި އަހަރެއްގެ ގޮތުގައެވެ.