ރައީސް އަބްދުﷲ ޔާމީން ޒިންމާދާރުކުރުމަށް 2017 ވަނަ އަހަރު ޖުމްހޫރީ ޕާޓީން މަސައްކަތް ކުރީ ގޮންޖެހުންތަކާއި އެކުގައި ކަމަށާއި 2018 ވަނަ އަހަރު އެންމެ އިސްކަމެއް ދެނީ ދިވެހިންނަން "އުފާވެރި ރާއްޖެ" އެއް ހޯދަދިނުމަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަބްދުﷲ ރިޔާޒު ވިދާޅުވީ ރާއްޖޭގެ މި ވަގުތު ހާލަތަށް ބެލުމަށް ފަހު ސިޔާސީ ފިކުރު އެއްކިބާކޮށް ގައުމީ މައްސަލަހަތު އިސްކޮށް އިދިކޮޅު ހަތަރު ޕާޓީ އަށް 2017 ވަނަ އަހަރު އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރު ޒިންމާދާރުކުރުމަށް ހަތަރު ލީޑަރުން އަތުކުރި އޮޅާލައްވައިގެން ކުރެއްވި މަސައްކަތުން މިއަދު ސިޔާސީ ގޮތުން ހިޔާލު ތަފާތު ހަތަރު ޕާޓީއަށް އެކުގައި މަސައްކަތް ކުރުމަށް އިތުބާރު ގާއިމްކުރެއްވިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަތީޖާއެއް ގޮތުން ރައީސް އަބްދުﷲ ޔާމީނަން ސްޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބުނުކަމަށާއި، އެކަމުގައި ޖުމްހޫރީ ޕާޓީގެ ދައުރު ބޮޑުކަން ރިޔާޒު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީނަން މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންގެ މައްޗަށް ސިޔާސީ ދައުވާތަކެއް އުފުލައި ޝަރީއަތް ކުރިއަށް ގެންދާކަން ފާހަގަކޮށް، ރިޔާޒު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައީސް އަބްދުﷲ ޔާމީނާ ވާދަކޮށްފާނެ ކަމަށް ލަފާކުރެވޭ މީހެއްގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ހާއްސަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާމެދު ސަރުކާރުން ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަން މިހާރު އިއްވާފައިވާ ޖަލު ހުކުމްތަކަކީ އަދުލުއިންސާފުން ބޭރުން ކޮށްފައިވާ ހުކުމްތަކެއް ކަމަށާއި، ސަރުކާރުން ކޯޓުތައް ބޭނުންކުރަނީ ވެރިކަން ދެމެހެއްޓުމުގެ ހަތިޔާރެއްގެ ގޮތުގައި ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. މިނިވަން މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ނެތް ކަމަށާއި އިލެކްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަކީ އެކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. ދިވެހިންނަން ހައްގުތައް ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނެ ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަދަ އަޅައި މަސައްކަތް ކުރާނެ ކަމަށް ވެސް ރިޔާޒު ފާހަގަކުރެއްވިއެވެ.