ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އަމަލުތަކުގެ ސަބަބުން 2017 ވަނަ އަހަރު ދިވެހިރާއްޖޭގައި ދައުލަތެއްގެ ސިފަ ގެއްލިގެން ދިޔަ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ރާައްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަސްއޫލިއްޔަތު އަދާކުރުމަށް މަޖިލީހުގެ ތެރެއަށް ވެންނެވުމަށް ހުރަސް އެޅުމާއި އޭގެ ތެރެއިން ބައެއް މެމްބަރުން ޖަލުގެ ކުޑަގޮޅީގައި ބަންދުކޮށް، އެ މެމްބަރުންގެ މައްޗަށް ހައްގު ނޫން ދައުވާތަކެއް އުފުލުމަކީ އެކަމުގެ ހެކި ކަމަށެވެ.
ޝިފާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ރައީސް ޔާމީނުގެ ސަރުކާރަށް ގެއްލުނު ހިސާބުން ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތް ކަން ހާމަވި ކަމަށެވެ. ރައްޔިތުންގެ ތާއީދު ނެތްކަން ހާމަ ކުރުމަށް ރައްޔިތުން ބޭނުން ކޮށްފައިއެވަނީ އެ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި މަޖިލިސް މެމްބަރުން ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.
2017 ވަނަ އަހަރަކީ ރައީސް ޔާމީނުގެ ސަރުކާރަށް ސިޔާސީ ގޮތުން އެތައް ގޮންޖެހުމެއް ކުރިމަތިވި އަހަރެކެވެ.