ކްރިމިނަލް ކޯޓުގެ ރިސެސްގެ މުއްދަތު ހަމަވެ، ކުރިއެކޭ އެއްގޮތަށް އަންގާރަ ދުވަހުން ފެށިގެން ޝަރީއަތްތައް ބާއްވަން ފަށާނެ އެވެ.
ކްރިމިނަލް ކޯޓުގެ މިއަހަރުގެ ފަހު ރިސެސްގެ މުއްދަތަކީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ.
ރިސެސްއަކީ ޝަރީއަތްތައް މަދުކޮށްލުން ނުވަތަ މެދުކަނޑާލުމަށް ފަހު އިދާރީ މަސައްކަތްތައް އެކަނި ކޯޓުތަކުން ކުރި އަށް ގެންދާ މުއްދަތެކެވެ. އެކި ކޯޓުތަކުން ރިސެސް އަށް ދާނީ އެކި ދުވަސްވަރު އެވެ.
ރިސެސް މުއްދަތުގައި ކޯޓުން ބަލަމުން ގެންދާ މައްސަލަތައް ބެލުން މަދުކޮށްލި ނަމަވެސް، ކޯޓުން ކުރަމުން ގެންދާ އެހެނިހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންގޮސްފައިވެއެވެ.
އެގޮތުން، ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާއި، އިދާރީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ކުރަންހުރި މަސައްކަތްތައް ކުރަމުންދާނެ ކަމަށް ކޯޓުން މައުލޫމާތުދެ އެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް އަންގާރަ ދުވަހު ފަށާއިރު، ޖުމްލަ 41 މައްސަލަ ތާވަލުކޮށްފައިވެއެވެ. އޭގެ ތެރޭގައި، ހއ. އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި މިއަހަރުގެ ޖޫން މަހު އިސްމާއިލް އުމަރު (އިއްސެ) މަރާލި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތާއި އެލްސިއޯން ބޭކަރީ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ދައުވާ ލިބޭ މީހުންގެ މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން، މަސްތުވާތަކެއްޗާއި ވައްކަމާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ލިބޭ މީހުންތަކެއްގެ މައްސަލަވެސް ތާވަލުކޮށްފައިވެއެވެ.