ގޯނީގައި ފައިސާ ހިފައިގެން ގޮސް ބެހި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވި މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ނިންމާލައިފި އެވެ.
ފައިސާ ގޯނީގެ މައްސަލަ ތަހުގީގު ކޮށްފައިވަނީ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭސީސީއިން ވަނީ އެ މައްސަލައިގެ ތަހުގީގު ނިންމާފައެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އެ މައްސަލައިގައި ކޮމިޝަނުން ނިންމި ގޮތެއް ހާމަކުރާނީ އެމްއެމްޕީއާރްސީ މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން ނެރޭ ހަބަރުގައެވެ. އެ ހަބަރު ނެރޭނެ ދުވަހެއް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، ބުނަމުންދަނީ ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.
އެމްއެމްޕީއާރްސީ އިން ގެއްލިފައިވާ 1.22 ބިލިއަން ރުފިޔާއާ ގުޅޭ ގޮތުން ހުށަހެޅުނު ގަރާރަކަށް 2016 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަމުންދަނިކޮށް، ނިޒާމީ ނުކުތާއެއް ނަންގަވާ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ގޯނި ހިފައިގެން، ފައިސާ ބަހަން ވަޑައިގެންނެވި ކަމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ އިޢުތިރާފުވެވަޑައިގެންފައެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވެފައިވަނީ؛ "މިތަނުގައި އެކި ބޭފުޅުން ވަގުންގެ ވާހަކައާއި އެކި ފައިސާގެ ވާހަކަދައްކާކަށް މާ ރަނގަޅެއް ނޫން. އެ ފައިސާ ގޯނި ހިފައިގެން ހިނގީ އަޅުގަނޑޭ. ހިފައިގެން އެބޭފުޅުންނަށް އެލާރި ބެހީ އަޅުގަނޑު، ހުރިހާ އެންމެން އޭގައި ހިފިއޭ،" މިގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭނާ މިވާޙަކަ ދެއްކެވުމުގެ އިތުރުން ލައިވް ޓީވީގައިވެސް ފައިސާ ބެއްސެވި ކަމަށް ވާހަކަ ދައްކަވާފައިވެއެވެ.
ރިޝްވަތު ދިން ކަމަށް ދޭހަވާގޮތަށް، ފައިސާ ގޯނި ހިފައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގާތަށް ހިނގި ކަމަށް ވިދާޅުވެ، މުޙައްމަދު އިސްމާއިލް ދެއްކެވި ވާހަކަ ތަހުގީގުކޮށްދިނުމަށް އެދި އާންމު ފަރާތަކުން ފުލުހުންނަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައެއް ކަމަށް ބުނެ ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ނުކުރަން ނިންމާފަ އެވެ.
މުހައްމަދު އިސްމާއީލްގެ މައްސަލަ ނުބަލަން ފުލުހުން ނިންމި އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ރިޝްވަތު ހުށަހެޅުމުގެ ދައުވާކޮށް، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ މައްޗަށްވެސް ރިޝްވަތު ދިނުމުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ. އެ މައްސަލައާ ގުޅިގެން ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.