ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރުކޭޓު ހުސްކުރަން ހައުސިންގ މިނިސްޓްރީއިން ދިން މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީއިން ކުރި އިއުލާނެއްގައިވާ ގޮތުގައި، މާރުކޭޓު ގޮޅިތައް ހުސްކުރުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން، ގޮޅިތައް ހުސްކުރަން ދިން މުއްދަތު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދޭން ވަނީ ނިންމާފައެވެ.
މީގެ ކުރިން، ހައިސިންގ މިނިސްޓްރީއިން އަންގާފައި އޮތީ މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ގޮޅިތައް ހުސްކުރުމަށެވެ.
އިއުލާނުގައިވާ ގޮތުގައި، ގޮޅިތައް ހުސްކުރަމުންދާ މިންވަރަކުން، އާ އުސޫލުގެ ދަށުން އެތަންތަން ލިބުނު ފަރާތްތަކާ ހަވާލުކުރާނެއެވެ.
މިކަމާ ގުޅިގެން ގޮޅިތަކުގެ ވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ، މިއީ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި މިއީ އެ ފަރާތްތަކުން ވިހި ތިރީސް އަހަރު ވަންދެން ކުރި މަސައްކަތް ކަމަށެވެ.
ބައެއް ފަރާތްތަކުން ބުނީ މާރުކޭޓު ގޮޅިއަށް ބަރާބަރަށް ފައިސާ ދައްކާ ކަމަށާއި، ހައުސިންގ މިނިސްޓްރީން ގޮޅިތައް ފަހުން ދީފައިވަނީ ސަރުކާރުގެ އިސްވެރިންނާ ގުޅުން އޮންނަ ފަރާތްތަކަށް ކަމަށެވެ.