މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ބިޒްނަސް ސްކޫލުން ނ. ހެނބަދޫގައި ބޭއްވި ހިއުމަން ރިސޯސް މެނޭޖްމަންޓް ލެވެލް 3 ގެ ކޯސް ނިންމައި ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އެމް އޭއެމް ބިޒްނަސް ސްކޫލުގެ ހެނބަދޫ ކެމްޕަހުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލަންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ހަސަން ނަސީރު އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި އެމްއޭއެމްގެ ސީއީއޯ އާދިލް ރަޝީދާއި އިސްވެރިން ބައިވެރިވެ ވި އެވެ.
ހެނބަދޫ ކެމްޕަހުގައި 15 ދަރިވަރުން ދަސްވެނިވިއިރު، އެންމެ މޮޅު ދަރިވަރުގެ ޝަރަފުވެރި ހޯދީ އެރަށު މޫންލައިޓް އައިމިނަތު އަޙްމަދު އެވެ.
މިރަސްމިއްޔާތުގައި އެމްއޭއެމްގެ ސީއީއޯ އާދިލް ވިދާޅުވީ ކުދިން މަދުވިޔަސް ހެނބަދޫގައި އިތުރު ކޯސްތަކެއް ހިންގަންފަށާނެ ކަމަށެވެ. އަދި ނ. ލަންދޫގައި ފެށުމަށް ތައްޔާރުވަމުންދާ އައި.ޓީ ޕްރޮގުރާމާ ބެހޭ ގޮތުން އާދިލް ވިދާޅުވީ އެ ޕްރޮޖެކުޓް ފެށުމުން އައި.ޓީ ދާއިރާއިން ނ. އަތޮޅަށް ބޮޑު ބަދަލެއް ގެނުވާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލަންދޫ ކައުންސިލް ޢިދާރާގެ ޒިންމާދާރު ވެރިޔާ ހަސަން ނަސީރު އިބްރާހީމް ވިދާޅުވީ މިފަދަ ކޯސްތައް ރަށުގައި ތިބެގެން ހެދުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު ނަޞީބެއް ކަމަށެވެ. މިފަދަ ފުރުޞަތުތަކެއް ހެނބަދޫގަ އާއި ލަންދޫގައިވެސް ހުޅުވާލަދެއްވާފައިވާތީ އެކަމަށްޓަކައި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއަށް އޭނާ ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ.
އަގުހެޔޮ އަދި ފެންވަރު ރަނގަޅު ތަޢުލީމް ފޯރިކޮށްދިނުމުގެ އުންމީދުގައި، އެމް.އޭ.އެމް ބިޒްނަސް ސްކޫލުން ސެޓްފިކެޓް ތިނަކުން ފެށިގެން އެސޯސިއޭޓް ޑިގްރީއާއި ހަމައަށް ކޯސްތައް ކުރިޔަށްގެންދެއެވެ. މީގެ އިތުރުން ވަރަށް އަވަހަށް ޑިގްރީ އަދި މާސްޓާސް ޑިގްރީގެ ކޯސްތައްވެސް ފަށާނެ ކަމަށް އެ އިންސްޓިޓުއުޓުން ބުނެއެވެ.