ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަކީ އިންތިޚާބުތައް ދެކެ އިންތިހާއަށް ބިރުފުޅުގަންނަވާ ރައީސެއް ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު، ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ މިރައީސް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމާޢު ވިދާޅުވީ، ވާދަވެރި ސިޔާސީ ހަރަކާތް ހިންގާ ޤައުމެއްގައި ދިރިއުޅުއްވަން ވެސް ރައީސް ޔާމީން ބިރުފުޅުގަންނަވާނެ ކަމަށާއި، އެހެންކަމުން ވާދަވެރި އިންތިޚާބެއްގައި ވާދަކުރައްވަން ރައީސް ޔާމީން ބޭނުންފުޅު ނުވާނެ ކަމަށެވެ.
ޝަމާއު ވިދާޅުވީ ރައީސް ޔާމީންއަކީ އިންތިޚާބުތަކަށް ބީރަށްޓެހި ރައީސްއެއް ކަމަށާއި، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ވެސް އެލިމިނޭޝަން އުސޫލުން ކަމަށެވެ.
"މިރައީސަކީ ފެށުނީއްސުރެ ވެސް އިންތިޚާބުތަކަށް ވަރަށް ބީރައްޓެހި ރައީސެއް. އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހުގަ ވާދަކުރެއްވި ހުރިހާ ފަހަރެއްގަވެސް އެވިދާޅުވާ ގޮތަށް، ދެން ތިބި ހުރިހާ މީހުން އެލިމިނޭޓް ވެގެން އޮޓޮމެޓިކުން ހޮވޭ ރައީސެއް. އެހެންވީމަ މި ރައީސަކީ އޭގެ ތާރީޚު އޮތް ރައީސެއް" ޝަމާޢު ވިދާޅުވިއެވެ.
ޝަމާޢު ވިދާޅުވީ ރާއްޖޭގެ ޤާނޫނުތަކުގައި ރިޔާސީ އިންތިޚާބު ބާއްވާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، އޭގައި އޮތީ ފެންނަ ނުފެންނަ ވޯޓެއް ނަގާ ވާހަކަ ނޫން ކަމަށެވެ. އެހެންކަމުން، ދައުލަތުގެ ވަލިއްޔުލް އަމްރުގެ ގޮތުގައި ރައީސް ޔާމީން ހުންނެވިއިރު، ޤަނޫނުއަސާސީގައި އޮތް އެއްޗެއް އެމަނިކުފާނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް ޝަމާޢު ވިދާޅުވިއެވެ.
ޝަމާޢު ވިދާޅުވީ ރާއްޖޭގައި ވާދަވެރި ސިޔާސީ ވެއްޓެއް އޮތުމުގެ ފުރުޞަތު ސަރުކާރުން ނުދޭ ކަމަށާއި، ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުކޮށް ޖަލަށް ލާފައިވާ ކަމަށެވެ. ރައީސް ޔާމީނަކީ ރައްޔިތުން ބަލައިގަންނަ ފަރާތެއް ނޫން ކަމަށާއި، ގިނިކަންޏާ ނޫން ގޮތަކަށް އިންތިޚާބަކަށް ނުކުންނަވައިފި ނަމަ ރައީސް ޔަމީން ބޮޑުތަނުން ބަލިވެގެންދާ މަންޒަރު ފެންނާނެ ކަމަށް ވެސް ޝަމާޢު ވިދާޅުވިއެވެ.