ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ އެމްޑީޕީ މެމްބަރުން ހާއްސަ ޖާފަތެއް ބުރާސްފަތި ދުވަހު ބާއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އަދި އިހަވަންދޫ ދާއިރާގެ ރައީސް އަހްމަދު އަބްދުﷲ ވިދާޅުވީ ޖާފަތް ބޭއްވީ ރަށުގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ކަމަށާއި މި ޖާފަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
މި ޖާފަތް ބޭއްވުމުގެ މަގުސަދަކީ އަހްމަދު އަބްދުﷲ ވިދާޅުވި ގޮތުގައި ރަށުގެ ހުރިހާ ރައްޔިތުންގެ ގުޅުން ބަދަހި ކުރުމާއި އެމްޑީޕީ އަށް ލޯބި ޖެއްސުން ކަމަށެވެ. އަދި އެމްޑީޕީއަކީ އެއްވެސް ތަފާތުކުރުމެއް ގެންގުޅޭ ޕާޓީއެއް ނޫންކަން ހާމަކުރުމަށް ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ކެމްޕޭން ކައިރިވަމުން އަންނައިރު ގުޅުން ބަދަހި ކުރުމަކީ ވަރަށް މުހިންމު ކަމެއް. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ ހަރަކާތްތައް ބާއްވާނަން،" އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.
މި ޖާފަތުގައި އިހަވަންދޫގެ 700 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.