ސަރުކާރުން ކުރިއަށްގެންދާ "ހިޔާ" މަޝްރޫއުގެ ދަށުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން އަޅަން ނިންމާފައިވާ ތިން ޓަވަރުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެމްޕީއެލްއިން މައުލޫމާތުދޭ ގޮތުގައި، ތިން ޓަވަރުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ސިންގަޕޫރުގެ ކުންފުންޏަކާ މަސައްކަތް ހަވާލު ކޮށްފައިވާކަން ހާމަކުރި ނަމަވެސް، އެ ކުންފުންޏަށް ކިޔާ ނަމާއި، މަސައްކަތް ހަވާލުކުރި އަގާއި ގުޅޭ އެއްވެސް މައުލޫމާތެއް އެމްޕީއެލްއިން ހާމައެއް ނުކުރެ އެވެ.
އެމްޕީއެލްއިން ބުނާ ގޮތުގައި، އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރާ ތިން ޓަވަރުގެ މަސައްކަތް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޕީއެލްއިން އިމާރާތްކުރާ 14 ބުރީގެ ޓިން ޓަވަރުގައި ހިމެނޭނީ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކާއި އެއް ކޮޓަރީގެ ސްޓޫޑިއޯ އެޕާޓްމެންޓްތަކެވެ.
އެމްޕީއެލްގެ އިތުރުން، ދައުލަތުގެ އެހެނިހެން ކުންފުނިތަކުން ވެސް ވަނީ "ހިޔާ" މަޝްރޫއުގައި ބައިވެރިވެފައެވެ. އެގޮތުން ބައެއް ކުންފުނިތަކުން ޓަވަރު އަޅައިދޭނެ ކުންފުނިތައް ހޯދަމުންދާއިރު، އަނެއް ބައި ކުންފުނިތަކުން މިހާރު ވަނީ ޓަވަރު އެޅުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ޖުމްލަ 36 ޓަވަރު އިމާރާތް ކުރެވޭނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެެވެ.