ނަސަންދުރަ ހޮޓާ ހުރި ބިމުގައި ހަދާ އިމާރާތުގެ މަސައްކަތް ހުކުރު ވަގުތައް ހުއްޓާ ނުލާކަން ފާހަގަކޮށް އެތައް ބަޔަކު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން އެބަދެއެވެ.
ރާއްޖެއެމްވީ އާ ވާހަކަ ދެއްކި އާއްމުންގެ މީހަކު ބުނީ ފާއިތުވެ ދިޔަ 3 ހަފްތާ ގައިވެސް ހުކުރު ވަގުތަށް މަސައްކަތް ނުހުއްޓާ މަސައްކަތް ކުރިއަށް ދިޔަކަން އޭނާ އަށް ޔަގީން ކަމާއެކު ބުނަން އެނގޭ ކަމަށެވެ.
ހުކުރު ވަގުތު އިމާރާތުގެ މަސައްކަތް ކުރިއަށް ދާތީ އެކަމާ އުނދަގޫ ވެގެން ހައުސިންގ މިނިސްޓްރީގެ ވެރިންނަށް އަދި ފުލުސް އޮފީހަށް ގުޅައި އެކަން އެ ގޮތަށް ހިނގަމުންދާ ކަމުގެ މައުލޫމާތު ބައެއް ފަރާތްތަކުން ދީފައިވާކަން ވެސް ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ. ނަމަވެސް އެއްވެސް ފަރާތަކުން އެކަމަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
"ހައުސިންގ މިނިސްޓްރީގެ ބައެއް ވެރިންނަށް މެސެޖްވެސް ކޮށްފިން، ގުޅާފައިވެސް މިވާހަކަ ބުނެފިން، އެތައް ހަފްތާއެއް ވެއްޖޭ މިކަން މިގޮތައް ހިނގާތާ، ހުކުރު ވަގުތައް މަސައްކަތް މެދު ކަނޑާލަން އަންގައިދޭށޭ" ނަން ނުޖެހުމަށް ޝަރުތު ކޮށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އާއްމު ފަރާތަކުން ބުންޏެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި ހައުސިންގ މިނިސްޓްރީގެ ބައެއް ވެރިން ވިދާޅުވީ، އެއީ އެބޭފުޅުންނަށް ފިޔަވަޅެއް އެޅޭ ކަހަލަ ކަމެއް ނޫން ކަމަށެވެ.
އޭނާ ބުނި ގޮތުގައި ފުލުސް އޮފީހަށް ގުޅައި މިކަން މިހެން ހިނގާކަމުގެ މައުލޫމާތު ދިނުމުން ވެސް ހުކުރު ވަގުތަށް މަސައްކަތް މެދުކަނޑާލާ ތަނެއް ފެނިފައި ނުވާ ކަމަށެވެ. އަދި ފުލުހުންވެސް މިކަން ފެންނަ ކަމަށް ހަދާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ ހުކުރު ވަގުތު ލޮރީ ތަކުގައި އެއްޗެހި އުފުލާ ހެދުމަށް ޑްރައިވަރުންނަށް ސަރުކާރު ކުންފުންޏެއްގެ މީހުން ތިބޭކަން، ގައިމު އެމީހުން ހުކުރަށް ދާން ވެސް ބޭނުންވާނެ ކަން ނޭނގެ، އެކަމަކު އެމީހުން ލައްވާ މަސައްކަތް ވެސް އެ ކުރުވަނީ" ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ހުކުރު ވަގުތަށް ނަސަންދުރާގެ މަސައްކަތް މެދުކަނޑާނުލައި ކުރިއަށް ގެންދާ ވީޑިއޯ އާއި ފޮޓޯވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ އާއްމު ކޮށްފައެވެ.
ނަސަންދުރަ ހުރި ބިމުގައި ކުރިއަށް ދާ ބޮޑު މަޝްރޫއަކީ އަޑިނޭނގޭ މަޝްރޫއެއްގެ ގޮތުގައި އާއްމުން ފާހަގަކުރާ މަޝްރޫއެކެވެ.
ނަސަންދުރަ ހުރި ބިމާއި އަދި އެބިމާ ޖެހިގެން އޮތް ހ.އޯކިޑް ލޮޖް ހުރި ބިން ސަރުކާރުން 2015 ވަނަ އަހަރު، 50 އަހަރަށް ކުއްޔަށް ދީފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު މުހައްމަދު މަނިކުގެ ހިއްސާ އޮތް ކުންފުންޏަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމް.އެމް.ޕީ.އާރު.ސީ.ގެ ހިޔާނާތުގެ މައްސަލާގައި އޮޑިޓަ ޖެނެރަލް ތައްޔާރުކުރެއްވި ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުރިން އޮތް ނަސަންދުރައިގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީ އިން 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ގައި ބާތިލްކޮށް، ހަމަ އެ ދުވަހު ނަސަންދުރަ ހުރި ބިމާއި، ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ބިން ވެސް އެމް.އެމް.ޕީ.އާރު.ސީ އަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ސޮއި ކޮށްފައެވެ. މި ބިން ދިނުމާބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް ދެއްވި ލަފާގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ލާރިއެއް ނުދައްކާ އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނެންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، އެއީ ސަރުކާރަށް ވާ ފައިދާއެއް އެނގޭ ގޮތަށް ދީފައިވާ ބިމެއް ނޫން ކަމަށެވެ.
ނަސަންދުރަ ހުރި ބިމާއި އެ ބިމާއި ޖެހިގެން އޮތް ބިމުގައި ބޮޑު ހޮޓަލެއް އެޅުމުގެ މަޝްރޫއު މިހާރު ކުރިއަށް އެ ގެންދަނީ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތާ ގުޅިގެން އޮޑިޓަރ ޖެނެރަލް އާއްމު ކުރެއްވި ޚާއްސަ އޮޑިޓް ރިޕޯޓުގައި އެ އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމުމަށް ސަރުކާރަށް ލާފާ ދެއްވާފައިވަނިކޮށް އެކަމާ ގުޅިގެން ނިންމި ގޮތެއް ހާމަ ނުކޮށެވެ.
އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ ޒޮންޝިއާން ކޮންސްޓްރަކްޝަން އިން ނެވެ.