ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހު ހަވީރުގެ "ސައިފޮދު" ހަރަކާތައް ގެންނަ އެއްޗިހި މީގެ ކުރިން ގެންދިޔަ ނަމަވެސް މި ހުކުރުގައި ނުގެންދިޔަ އެވެ.
އެމްޑީޕީ ހަރުގެ ކުރިމަތީ ސިލްސިލާ ގޮތެއްގައި ބާއްވާ ހަވީރު "ސައިފޮދު" ހަރަކާތް ފެށީ ހަވީރު 4:30 ހާއިރު އެވެ. މި އެއްވުމުގައި ބައިވެރި މީހުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް ހެދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެއްވުމުގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުން ވިދާޅުވި އެވެ.
އޭގެއިތުރުން ރާއްޖޭގައި އެންމެ ބޮޑު ތާއީދެއް އޮތް ލީޑަރަކީ ރައީސް ނަޝީދު ކަން ހާމަވާ ކަމަށާއި "އެމްޑީޕީގެ ސްޓައިލްގައި"އަންނަ އަހަރު ރިޔާސީ ކެމްޕެއިން ފަށާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް މި އެއްވުމުގައި ވާހަކަ ދެއްކެވި ކޯލިޝަނުގެ ބައެއް ބައިވެރިން ވަނީ ގުޅިފައިވާ ޕާޓީތައް އެކުލެވޭ ގޮތައް ރަށްރަށުގައި ކެމްޕެއިން ޖަގަހަތައް ހެދުމަށް ގޮވާލާފަ އެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކީ ރައީސް ނަޝީދަށް ވުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު އުފަލެއް ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުގެ ސަޔައް ގެނައި ތަށިތައް މި ހުކުރު ދުވަހުވެސް ބަހައްޓާފައި ހުރީ އެމްޑީޕީ ހަރުގެ ކުރިމަތީގައި އޮންނަ ޕޭވްމަންޓްގަ އެވެ. ފުލުހުންގެ ވެހިކަލް އެ ސަރައްދަށް ގޮސް އެތަކެތި ބަހައްޓާފައި ހުރި ތަން ފޮޓޯ ނެގުމަށްފަހު އަނބުރާލާ ގޮސްފައިވާއިރު އެ ހަރަކާތް ގޮސްފައިވަނީ ސުލްހަވެރި ކަމާއެކު އެވެ.