ޅ. ހިންނަވަރުން އަލަށް ހިއްކި ބިމުން ބައެއް ތައިލެންޑް ކުންފުންޏަކަށް ކުއްޔަށްދިނުމުން އެރަށުގެ ރައްޔިތުން އެކަމާއި ކަންބޮޑުވުންފާޅުކޮށް އިހްތިޖާޖްކޮށްފިއެވެ.
އެ ރަށުގެ އަލަށް ހިއްކި ބިމުން 13 ހެކްޓަރުގެ ސަރަހައްދުން ތައިލަންޑް ކުންފުންޏަކަށް ދިފާއިވާ ކަމަށް ބުނެ ރަށުގެ ގިނަ ރައްޔިތުން ވަނީ ހުކުރު ދުވަހު ހަވީރު އެ ސަރަހައްދަށް ގޮސް ކަންބޮޑުވުންފާޅުކޮށްފައެވެ. އެ މީހުން ކަންބޮޑުވުން ފާޅުކުރީ ހިއްކި ބިން ބޭރުގެ ކުންފުންޏަކަށް ދީފާއިވާތީ އެކަމަށް ހިންނަވަރު ކައުންސިލުން ރައްޔިތުންނަން ޖަވާބް ދާރީ ނުވާތީއެވެ.
އެ ސަރަހައްދަށް ދިޔަ އާންމު ރައްޔިތުން ބުނީ އެރަށު ހިއްކި ބިން ބޭރުގެ ބަޔަކަށް ކުއްޔަށް ނުދޭނަމަ، ރައްޔިތުންނަށް އެ ސަރަހައްދުގައި ބޭނުން ކޮންމެ ކަމެއް ކުރެވޭނެ ކަމަށެވެ. އެކަމާއި ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ރައްޔިތުން ވަނީ ތައިލެންޑްގެ ކުންފުނިން މަސައްކަތް ކުރާ ސަރަހައްދުގައި ރޯނު ދަމާފައެވެ.
"އެއްވެސް ބަޔަކަށް ބިމެއް ދިން ކަމަށް ކައުންސިލުން އެއްބަހެއް ނުވޭ، އެހެންކަމުން ރައްޔިތުންނަން އެ ބިމުގައި ބޭނުން ކަމެއް ކުރެވޭނެ" ކަންބޮޑުވުން ފާޅުކުރި ބައެއް ރައްޔިތުން ބުންޏެއެވެ.
މި ކަމާއި ގުޅިގެން ހިންނަވަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ސޯލިހު ވިދާޅުވީ އެ ރަށު ހިއްކި ބިމުން 13 ހެކްޓަރު ތައިލަންޑް ކުންފުންޏަކަށް ދީފައިވާ ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ މައްސަލައާއި ގުޅިގެން މި ވަގުތު އެއްވެސް ޖަވާބެއް ދެވެން ނެތް ކަމަށެވެ. އަދި އެ ސަރަހައްދު ބޭރުގެ ކުންފުޏަކަށް ކުއްޔަން ދިންކަމަށް ބުނާ މައްސަލައާއި ގުޅިގެން އެއްވެސް މައުލޫމާތެއް ހާމާކުރަން ހިންނަވަރު ކައުންސިލުން ވަނީ ދެކޮޅު ހަދާފައެވެ.
"މި ވަގުތު ތިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ހާމަކުރެވޭކަށް ނެތް" ހިންނަވަރު ކައުންސިލްގެ ނައިބް ރައީސް ވިދާޅުވިއެވެ.
ހިންނަވަރު ހިއްކި ބިމުގައި މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އިމާރާތް ކުރަން ފައުންޑޭޝަން އަޅާފައިވާ ސަރަހައްދުގައި ރައްޔިތުން ނުކުމެ ރޯނު ދެމުމުން ފުލުހުން ވަނީ އެތަނުގައި ހުރި އެއްވެސް އެއްޗަށް ގެއްލުން ނުދިނުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިންނަވަރު ހިއްކި ބިން ތައިލެންޑް ކުންފުންޏަކަށް ކުއްޔަން ދީފައި ވަނީ އެ ސަރަހައްދުގައި ހުއިފި ލަނޑާ އާލާކުރުމުގެ މަޝްރޫއުއެއް ހިންގުމަށެވެ.