ރާއްޖެ ޓީވީ އިން ހުޅުވާލި އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތު ޕޯލް އިން ބޮޑު ތަފާތަކުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރި ހޯއްދަވައިފިއެވެ.
ޓްވިޓަރގައި ބުރާސްފަތި ދުވަހު ހަވީރު 5:00 އިން ފެށިގެން 24 ގަޑިއިރުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޕޯލް އަށް 5063 މީހުން ވޯޓު ލާފައިވެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މި ޕޯލްގައި 72 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވެއެވެ. ދެވަނަޔަށް ދިޔައީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އެމަނިކުފާނަށް 22 އިންސައްތަ ވޯޓު ލިބިވަޑައިގަތެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ލިބިވަޑައިގަތީ 4 އިންސައްތަ ވޯޓެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް 2 އިންސައްތަ ވޯޓު ލިބިވަޑައިގަތެވެ.
Who is the most admired Maldivian person in the year 2017?
— RaajjeTVPoll (@RaajjeTVPoll) December 28, 2017
24 ގަޑިއިރަށް މި ޕޯލް ކުރިއަށްދިޔަ އިރު، އެންމެ ގިނަ ވޯޓު ލިބިވަޑައިގަތް ރައީސް ނަޝީދާއި ރައީސް ޔާމީންއަށް ޓްވިޓަރ މެދުވެރިކޮށާއި ސޯޝަލް އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށް އެދެބޭފުޅުންގެ ސަޕޯޓަރުން ވަރަށް ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަ ކުރެވެއެވެ.
ޕޯލް ކުރިއަށް ދިޔަ އިރު ނިކުންނަމުން ދިޔަ ނަތީޖާތަކުން އެކި ފަރާތްތަކުން ޕޯލްގެ ކޮމެންޓް ބައިގައި ތަފާތު ޝުއޫރުތައް ފާޅު ކުރަމުން ގެންދިޔައެވެ.
މި ޕޯލްއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި އަދި އެކްޓިވިސްޓުން ވޯޓުލުމަށްފަހު، ޓްވިޓަރގައި ޕޯލް ރީޓްވީޓްކުރައްވާފައިވެއެވެ.
ބެލެވޭ ގޮތުގައި މިއީ ރާއްޖޭގައި ޓްވިޓަރ ޕޯލް އަކަށް 24 ގަޑިއިރުތެރޭ އެންމެ ގިނަ ވޯޓުލީ ފަހަރެވެ. ޕޯލް އަށް 223 ކޮމެންޓް ލިބިފައިވެއެވެ. އަދި 359 ރީޓްވީޓް ލިބުމުގެ އިތުރުން 259 ލައިކްސް މި ޕޯލް އަށް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ.
މި ޕޯލްއިން ރައީސް ނަޝީދު ކުރިހޯއްދެވުމާއި ގުޅިގެން އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މިފަދަ ކޮންމެ ޕޯލްއަކުން ވިޔަސް އަބްދުﷲ ޔާމީން ބަލިވާނެކަމީ ސާފުކަމެއްކަމަށެވެ.
"ސަރުކާރުން އަދި މުލީއާގެއިންވެސް މިފަދަ ސާރވޭ ތަކާއި ޕޯލްތައް ހިންގާ. އެއިން ކޮންމެ ޕޯލްއަކުންވެސް އަބްދުﷲ ޔާމީން ދަނީ ހަމަ ފުލަށް. އެހެންވެ އެމަނިކުފާނަށް ދެން އޮތް ގޮތަކީ އެންމެން ޖަލަށްލުން. އެކަން އެކުރައްވަނީ،" އިންތި ވިދާޅުވިއެވެ.