އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އާއި ޑިފެންސް މިނިސްޓަރު، އާދަމް ޝަރީފް އުމަރު ބައްދަލުކުރައްވައިފިއެވެ.
މިޝްރާގެ ޓްވިޓާ އެކައުންޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ދެ ބޭފުޅުން ބައްދަލުކުރައްވާ ފޮޓޯ އާންމުކުރައްވާފައެވެ. އަދި މިނިސްޓަރު އާދަމް ޝަރީފަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އެ ދެ ބޭފުޅުން މަޝްވަރާކުރެއްވީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
ޑިފެންސް މިނިސްޓަރާއި ސަފީރު ބައްދަލުކުރައްވާފައި މި ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މިޝްރާ ދާދި ފަހުން ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރެއްވުމުން އެ ކައުންސިލްގެ ތިން މެންބަރުން ސަސްޕެންޑްކޮށްފައިވެއެވެ. މުސާރަ ނުހިނގާ ގޮތަށް، އަދި އޮފީހަށް ވެސް ހާޒިރުނުވެވޭ ގޮތަށް އެ ތިން ކައުންސިލަރުން ސަސްޕެންޑްކުރީ ބޭރުގެ ސަފީރުންނާ ބައްދަލުކުރުމުގެ ކުރިން ހުއްދަ ހޯދުމަށް އަންގައި ކައުންސިލްތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސާކިއުލާއެއް ނެރެފައި ވަނިކޮށް ބައްދަލުކުރުމުންނެވެ.
އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެފައި ވަނީ ރާއްޖެ އިން ޗައިނާއާ ގުޅުން ބަދަހިކުރަމުން ގެންދާތީއެވެ. އެގޮތުން ދާދި ފަހުން ޗައިނާ އަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި ދަތުރުފުޅުގައި ދެ ގައުމެ މެދުގައި ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެންނާއި އިންޑިއާގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގައި ސެންޓަރެއް ގާއިމުކުރުމަށް ޗައިނާ އާއި ރާއްޖެ އިން ސޮއިކުރުމުން ވެސް އިންޑިއާ ވަނީ ވަރަށް ބޮޑަށް ނުރުހިފައެވެ.