ބިންހެލުމާއި ސުނާމީ އާއި ވިއްސާރައިގެ ތޫފާނު ފަދަ މުސީބާތްތަކަކީ މާތްﷲ އެކަލާނގެ އަޅުތަކުން އިމްތިހާނު ކުރެއްވުމަށްޓަކައި ކުރިމަތިކުރުވާ ކަންތައްތައް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ އެއްބައިވަންތަކަމެވެ.
ކޮންމެ ޑިސެމްބަރު މަހެއްގެ ވެސް 26 ވަނަ ދުވަސް ދިވެހިން ފާހަގަ ކުރަމުންދަނީ މީގެ 13 އަހަރު ކުރިން އައި ސުނާމީ ކާރިސާގެ ހިތްދަތި ހަނދާންތައް އާކުރަންކަމަށާއި އެދުވަހު ފެނިގެން ދިޔައީ އެއް އުޚުތަކު އަނެއް އުޚުތަކަށް އަޅާލަމުން ދިޔަ އިސްމާލީ ރިވެތި މަންޒަރު ކަމަށް ޚުތުބާގައިވެއެވެ.
އެދުވަހު ދިވެހިންގެ ފަރާތުން ފެނުނު ލޯތްބާއި އަޅާލުން ތަސައްވަރު ވެގެންދަނީ ރަސޫލާ (ސ) މަދީނާއަށް ހިޖުރަކުރައްވައި، މުހާޖިރުންނާއި އަންސާރުން އަޚުކުރެއްވުމުން ފެނިގެންދިޔަ އެއްބަނޑު އެއްބަފާކަމުގެ މަންޒަރު ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެއީ ދިވެހި ކާބަފައިންގެ ކިބައިން ކުރީއްސުރެ ދިވެހުންގެ ތަބީއަތުގައި ﷲ ލައްވާފައިވާސިފައެއްކަމަށް ވަނީ ބުނެފައެވެ.
"ދިވެހި ކާބަފައިންނަކީ، ރަމަޟާންމަހު ހާރުދަމު ގެއެއްގެ އަހުލުވެރިން އެގޭގައި ކައްކާފައި ހުރި ތެލީގެ ފޫ ކަހާލައިފި ނަމަ އަވައްޓެރި ގޭގެއިން ކާބޯތަކެތި ހިފައިގެން އެ ގެއަކަށް ގޮސް އެގޭގެ އަހުލުވެރިންނަށް ހާރުކެވޭނެ މަގު ތަނަވަސްކޮށްދީފައިވާ ބައެކެވެ. އެހެންކަމުން މިއޯގާވެރިކަމާއި އަޅައިލުމަކީ ދިވެހިންގެ ތަބީއަތުގައި މާތްﷲ ލައްވާފައިވާ ސިފައެކެވެ،" ޚުތުބާގައި ބުނެފައިވެއެވެ.
ސުނާމީ ކާރިސާގެ ސަބަބުން ކުރިމަތިވި ކަންތައްތަކުން މިހާރު ދިވެހިން ތިބީ ތަބީއީ ހާލަތަށް އެނބުރި އައިސްފައި ކަމަށާއި އެކަމަށްޓަކައި ﷲ އަށް ޝުކުރު އަދާކުރަންޖެހޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
އިންސާނުންނަށް ﷲ ނިއުމަތްތައް ދެއްވަނީ އެކަލާނގެއަށް ކިޔަމަންވެގަތުމަށާއި ޝުކުރު ދަންނަވައި އެކަލާނގެ ހައްގުތައް އަދާކުރުމުގައި އެހީތެރިކަން ހޯދުމަށް ކަމަށާއި އެނިއުމަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މިފަދަ މުސީބާތްތަކުން ސަލާމަތްވުމަށް މުސްލިމުންނަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރަކީ ދުއާ އާއި، އިސްތިޣުފާރާއި ތައުބާ ކަމަށާއި އެހެންކަމުން މާތްﷲ މަގުދައްކަވާފައިވާ ފަދައިން ﷲގެ ހަޟްރަތައް ރުޖޫއަވެ ކުށްފާފަތައް ފުއްސަވައި ދެއްވުމަށް ދެންނެވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.