ރާއްޖޭގެ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަދަނީ މުޖްތަމައުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކަށް، ޝައިޚުން ކަމަށް ހެދިގެން އުޅޭ ބަޔަކު ދޭ "ހަމަލާތަކަކީ"، ދައުލަތެއްގެ ތެރޭގައި ދައުލަތެއް އުފެދިފައިވުމުގެ ނަތީޖާ ކަމަށެވެ. އަދި މިދެންނެވި ދައުލަތުގެ ތެރޭގައި އުފެދިފައިވާ އިތުރު ދައުލަތުން ނިކުމެ ވެރިކަމުގައި އޮތް ސަރުކާރު ވައްޓާލާނެކަމުގެ ބިރު އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
Attacks on Civil Society defenders by self appointed Sheikhs is a clear manifestation of the “State within the State” of #Maldives. The fear is that this Deep State will soon topple the regime in Government.
— Mohamed Nasheed (@MohamedNasheed) December 29, 2017
ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓްކުރެއްވި ސަބަބެއް ބަޔާންކުރައްވާފައެއް ނުވެއެވެ.
ސިޔާސީ ބަސްކޮށާރުގައި "ސްޓޭޓް ވިތިން ދަ ސްޓޭޓް" ނުވަތަ ދައުލަތެއްގެ ތެރޭގައި އުފެދިފައިވާ ދައުލަތެއްގެ ގޮތުގައި ބަލަނީ ޤައުމެއްގައި އުފެދިފައިވާ ސަރުކާރުގެ އިތުރުން ބާރުގަދަ އެހެން ޖަމާޢަތެއް ނުވަތަ ބަޔަކު އުފެދި، ވެރިކަމުގެ ބާރާއި އަރާ ހަމަކުރާ ބާރުތަކެއް އެބައި މީހުންނަށް ލިބުމުންނެވެ. މީގެ މިސާލަކީ ދާދި ފަހުން ޢަރަބި ޤައުމުތަކުން، ހިޒްބުﷲއަކީ ލުބްނާނުގެ ދައުލަތުގެ ތެރޭގައި އުފެދިފައިވާ ދައުލަތެއް ކަމަށް ސިފަކުރުމެވެ.
އަމިއްލައަށް ޝެއިޚުންނަށް ވެގެން އުޅޭ މީހުންގެ ވާހަކަ ރައީސް ނަޝީދު ދައްކަވާފައި މިވަނީ ސަރުކާރާއި، ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ އިސް ބޭފުޅުން ޕޯޑިއަމްތަކުގައި ދީން ހަތިޔާރަކަށް ހައްދަވައިގެން ސިޔާސީ ވާހަކަ ދެއްކެވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މީޑިއާގައި ވެސް ދީނީ ކަންކަމާ ގުޅޭ ޚަބަރުތަކާއި ރިޕޯޓްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ކުރީގެ ރައީސް ނަޝީދާއި އިދިކޮޅު ފަރާތްތަކަށް ދީނާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެކެވެ.