ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް މާލެއިން ފުލުހުން އަތުލައިގެންފިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާގޮތުގައި ބުރާސްފަތި ދުވަހުގެރޭ 8:30 ހާއިރު ކަށިމާހިނގުމުގައި ހުންނަ ގެއަކަށް ވަދެ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުން ވަނީ އަތުލައިގެންފައެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ފިރިހެނެކެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައި ވާކަމަށެވެ. އެހެން ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މިމަހުގެ 21 ވަނަ ދުވަހު ވެސް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހުޅުމާލޭ ފަޅުތެރޭގައި އޮތް ފެރީއެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއް ވަނީ އަތުލައިގެންފައެވެ. އެހެން ނަމަވެސް ފުލުހުން އަތުލި ބަނގުރާ ފުޅިތަކެއް އަނބުރާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ މައްޗައް އަމުރު ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ބުދަ ދުވަހު ކުރި އަމުރުގައި ބުނެފައިވަނީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބަނގުރާ ގެންގުޅުނީ ގަވައިދާ ހިލާފަށް ކަމަށް ފުލުހުން ބުނި ނަމަވެސް، ސަފާރީގެ ވެރިމީހާ މައްޗަށް މިހާތަނަށް އެއްވެސް ތުހުމަތެއްކޮށް ސުވާލުކޮށްފައި ނުވާތީ އެތަކެތި އޭނާއާ ހަވާލުކުރުމަށެވެ. ކްރިމިނަލް ކޯޓުން މިގޮތަށް އަމުރު ނެރުނީ ބަނގުރާ ފުޅިތަކާއި، ބިޔަރު ދަޅުތައް ހޯދަން ސަފާރީގެ ވެރިމީހާ ހުށަހެޅުމުންނެވެ.
އެހެން ނަމަވެސް ފުލުހުން ބުނީ ފުލުހުން މިމައްސަލައިގައި ވެސް އަމަލުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޖިނާއީ މައްސަލަތަކުގައި މީގެ ކުރިން ވެސް އަމަލުކޮށްފައިވާ ރަނގަޅު ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.