ރައީސް ޔާމީން އިތުރަށް ވެރިކަމުގައި ބަހައްޓައިފި ނަމަ ޒުވާނުންގެ އަގީދާ ބަލިކަށިވެދާނެ ކަމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އިތުރަށް ވެރިކަމުގައި ބަހައްޓައިފި ނަމަ ޒުވާން ދަރިންގެ އަގީދާ ބަލިކަށިވެ ބޭރު ފުށުން އަމިއްލަ ބޭނުމަށް އިސްލާމްދީން ގަބޫލުކުރާ ބަޔަކަށް ދިވެހި މުޖުތަމައު ވެދާނެ ކަމުގެ ބިރު ބޮޑު ކަމަށެވެ. އަދި އޭނާގެ ޓްވީޓުގައި ވަނީ ރައީސް ޔާމީން ވެރިކަމުން ދުރުކުރެއްވުމަށް އެދި ދުއާ ވެސް ކުރައްވާފައެވެ.
"ރައީސް ޔާމީން އިތުރަށް ވެރިކަމުގައި ބަހައްޓައިފި ނަމަ އަހަރެމެންގެ ޒުވާން ދަރިންގެ އަގީދާ ބަލިކަށިވެ ބޭރު ފުށުން އަމިއްލަ ބޭނުމަށް އިސްލާމް ދީން ގަބޫލުކުރާ ބަޔަކަށް ދިވެހި މުޖުތަމައު ވެދާނެކަމުގެ ބިރު ބޮޑު. ސުބުހާނަﷲ އަޅަމެން މި ވަބާއިން މިންޖު ކުރައްވާންދޭވެ!" ފައްޔާޒުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
Raees Yameen ithurah verikamuga bahataifinama aharumenge zuvaan dharin ge ageedhaa balikashive beyrufushun amihla beynumah Islam dheen qaboolukuraa bayakah Dhivehi mujuthamau vedhaane kamuge biru bodu. Subuhanahllah. Alhamen mivabaain minjukurahvaandheyve
— Fayyaz Ismail (@faya_i) December 28, 2017
ފައްޔާޒު މިހެން ވިދާޅުވިއިރު ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަސް ކަމަށްވާ މިމަހުގެ 20 ވަނަ ދުވަހު ރައީސް ޔާމީން ދެއްވި ޚިތާބުގައި ވިދާޅުވެފައި ވަނީ އިސްލާމް ދީން ނޫން އެހެން ދީނަކަށް ދިވެހި ފަސްގަނޑުގައި ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އިސްލާމް ދީނުގެ މަތިވެރި އަގީދާ އާއި ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ރައީސްގެ އެ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވި މި ޚިތާބަށް ރައްދު ދެއްވައި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ވަނީ މިދުނިޔޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުތުސަތު ދެއްވީ ﷲ ކަމަށާއި "ނޫން ނަމަ އެހެން ދީންތަކެއް ނޯންނާނެ ނޫންތޯ" ވިދާޅުވެ ޓްވީޓު ކުރައްވާފައެވެ. ޝަހިންދާގެ އެ ޓްވީޓް މައްސަލަ ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ. އަދި އެހެން ދީންތަކަށް މަގުފަހިވާ ގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށް އިސްލާމިކް މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ.
ފަަހަކަށް އައިސް ރައީސް އާއި ސަރުކާރުގެ އިސް އޮފިޝަލުން ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާ އިރު އިދިކޮޅު ފަރާތްތަކަކީ އެހެން ދީންތަކަށް ހިތްވަރުދޭ އަދި ލާދީނީ ބައެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ. ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މެންބަރުންނަކީ ރާއްޖެ އަށް އިސްލާމް ދީން ނޫން އެހެން ދީންތައް ގެނައުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ރައްޔިތުންނަށް ވިސްނައިދޭން ދަނީ މަސައްކަތްކުރަމުންނެވެ. އެ ގޮތުން މިދިޔަ ހަފްތާގައި ބ. ތުޅާދޫގައި ބޭއްވި ޖަލްސާއެއްގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ އެމްޑީޕީގެ ފިކުރަކީ މުސްލިމުން ދިރިއުޅޭ ތަނެއްގައި ގެންގުޅެން ހެޔޮވާވަރުގެ ފިކުރެއް ނޫން ކަމަށެވެ.