އެއް ދޯންޏަކުން ހަފްތާއެއްގެ ތެރޭގައި ދެ މަސްވެރިޔަކު، ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
މަހަށް ގޮސް އުޅެނިކޮށް ހަފްތާއެއްގެ ތެރޭގައި ދެ މަސްވެރިޔަކު ކުއްލި ގޮތަކަށް މަރުވެފައި ވަނީ ނ. ލަންދޫގައި ދުއްވާ ދޯންޏަކުންނެވެ.
އެ ދޯނިން އެންމެ ފުރަތަމަ މަރުވީ އެ ދޯނީގެ މަސްވެރިއެއް ކަމަށްވާ އާދަމް އިސްމާއީލް (45އ) އެވެ. އޭނާ މަރުވީ މިމަހު 21 ވީ ބުރާސްފަތި ދުވަހު މަހަށް ނިކުމެ، މަސްބާނަން ހުއްޓާ ކުއްލި އަކަށެވެ.
އޭގެ ފަހުން މިމަހުގެ ބުރާސްފަތި ދުވަހު (މިއަދު) އެ ދޯނީގައި މަހަށް ނިކުމެ އުޅެނިކޮށް މަރުވެފައި ވަނީ އަހުމަދު ފައިސަލް (45އ) އެވެ. ފައިސަލް މަރުވީ އެން އުކަން ހުއްޓައެވެ.
ލަންދޫ ކައުންސިލް މެމްބަރު އަބްދުﷲ އާރިފް ވަނީ މިކަން ހިނގާފައިވާކަން "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފައެވެ.
"އާދަނާއި ފައިސަލަކީ ވަރަށް ގާތް ދެ އެކުވެރިން. ރަށުގައި އުޅޭއިރު އެކުގައި ކޮފީ ބޯން ވެސް އަންނާނެ. ހަމަ އެގޮތަށް އެދެ މީހުންނަކީ އަޅުގަނޑުގެ ވެސް ގާތް ދެ އެކުވެރިން. ހާއްސަކޮށް، ފައިސަލަކީ މިރަށުގައި އެމްޑީޕީގެ ހަރަކާތްތަށް ހިންގުމުގައި އެންމެ އިސްކޮށް އުޅޭ ދެމީހުން. އާހަރު ފެށޭތީ ރޭގައި ވެސް މިރަށު އެމްޑީޕީ މެމްބަރުންނާ ބައްދަލުކޮށް ފައިސަލާއި އަޅުގަނޑު ވާހަކަ ދެއްކިން. އޭގެ ފަހުން 22:30 އެހާކަންހާއިރު ދެ މީހުން ކޮފީ ބޮއެގެން ދިޔައީ. ދެން ދަންވަރު ފައިސަލް ފުރީ މަހަށް. މިއަދު މި ލިބުނީ ފައިސަލް މަރުވި ޚަބަރު. ވަރަށް ހިތާމަވެރި،" ވަރަށް ދެރަވެފައި ހުރެ އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ ނ. އަތޮޅު ދޫކޮށް އެ ދޯނި މިއަދު މަހަށް ނިކުތީ ށ. އަތޮޅަށް ކަމަށެވެ. އެ ދޯންޏަކީ ދޮށީގެ މަސްވެރިކަން ކުރާ ދޯންޏެއް ކަމަށް އާރިފް ވިދާޅުވިއެވެ.
މި ދެ މީހުންގެ މަރާ ގުޅިގެން އިތުރު ތަފްސީލެއް މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަ ކޮށްފައިނުވާއިރު، އެ ދެ މީހުންގެ ހަށިގަނޑު އެންމެ ފުތަރަމަ ގެންދިޔަ ނ. ކެނދިކުޅުދޫ ސިއްހީ މަރުކަޒާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ އެ ދެ މީހުން މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް ސިއްހީ މަރުކަޒުން ބުނާ ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެ ދެ މީހުން މަރުވެފައިވާ ކަަމަށް ބުނެފައިވެއެވެ.