ސަރުކާރުގެ ހާއްސަ ހުއްދައަކާ އެކުގައި ނޫނީ، ކައުންސިލްތަކުން ރާއްޖެއިން ބޭރުގެ ޑިޕްލޮމެޓުންނާއި ޖަމައާތްތަކާ ބައްދަލުކުރުން މަނާކުރި ސާކިއުލަރ އުވާނުލާ ކަމަށާއި، ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރެވޭނީ ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތަށް ހޯމް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން ބުނެފި އެވެ.
އެލްޖީއޭގެ ސާކިއުލަރ އުވާލާފައިވާ ކަމަށް ބައެއް ކައުންސިލްތަކުން ބުނަމުންދަނިކޮށް، އެލްޖީއޭގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ ސާކިއުލަރ އުވާލާފައިނުވާ ކަމަށާއި، ކައުންސިލްތަކުން މީޑިއާއަށް މައުލޫމާތު ފޯރުކޮށްދީފައިވަނީ އެ އޮތޯރިޓީއިން ބުދަ ދުވަހު ކައުންސިލްތަކަށް ފޮނުވި ސިޓީއެއް ނުބައިކޮށް މާނަކޮށްގެން ކަމަށެވެ.
އެލްޖީއޭގެ އޮފިޝަލް ވިދާޅުވީ، ހުއްދަ ހޯދުމެއް ނެތި ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރުމުން މަނާ ކުރުމާއި ގުޅިގެން، އެހީދޭ ޖަމިއްޔާތަކުގެ އޮފިޝަލުންނާއިވެސް ބައްދަލު ކުރެވޭނީ ހުއްދަ ހޯދައިގެންތޯ ކައުންސިލްތަކުން ސުވާލުކުރަމުންދިޔަ ކަމަށެވެ. އެހެންކަމުން، ބުދަ ދުވަހު ފޮނުވި ސިޓީއަކީ، އެކަން ސާފުކޮށްދިނުމުގެ ގޮތުން ފޮނުވި ސިޓީއެއް ކަމަށާއި، އެއީ ސާކިއުލަރ އުވާލުމަށް ފޮނުވި ސިޓީއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސިޓީގައިވާ ގޮތުގައި، ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީއަކާ ގުޅިގެން ކުރިއަށްގެންދާ ކަންތައްތަކުގައި ބޭރުގެ ފަރާތްތަކާއެކު ބައްދަލުކުރާއިރު ކުރިން ހުއްދަ ހޯދުމެއް ނެތި ބައްދަލުކުރުން އެންމެ ރަނގަޅެވެ. އަދި، ބައްދަލުވުން ބާއްވާތާ ތިން ދުވަހުގެ ތެރޭގައި، އެ ބައްދަލުވުމުގެ ޔައުމިއްޔާ ހޯމް މިނިސްޓްރީއަށާއި ކަމާގުޅޭ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ސިޓީގައިވެއެވެ.
އޮފިޝަލް ވިދާޅުވީ ހުއްދަ ހޯދުމެއް ނެތި ބައްދަލު ކުރެވޭނީ ޔޫއެންޑީޕީއާއި ޔުނިސެފް ފަދަ އެހީދޭ ޖަމިއްޔާތަކާ ކަމަށެވެ. އެހެން ނަމަވެސް، ބޭރުގެ އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރަން ޖެހެނީ ކުރިން ހުއްދަ ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭރުގެ ފަރާތްތަކާ ބައްދަލުކުރެވޭނީ ހޯމް މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް އެލްޖީއޭއިން ކަނޑައެޅީ މިމަހުގެ 11 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގަ އެވެ.
އެ އޮތޯރިޓީ އިން ނެރުނު ސާކިއުލަރއެއްގައިވާ ގޮތުން، ލޯކަލް ކައުންސިލުތަކަކީ ސަރުކާރުގެ ޚިދުމަތުގެ ފަށަލައަކަށްވީ ހިނދު ކައުންސިލުގެ އަމަލުތަކާއި ކުރާ މުއާމަލާތްތައް ރައްދުވާ ފަރާތަކީ ދިވެހި ސަރުކާރެވެ. ބޭރުގެ އެކި އެކި ފަރާތްތަކާއި ލޯކަލް ކައުންސިލުތަކުން މުއާމަލާތުކޮށް ބައްދަލުވުންތައް ބާއްވާނަމަ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ދިވެހިރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތުތަކަށް ބުރޫ އަރައި ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ ބައެއް މުއާހަދާތަކާއި އެއްބަސްވުންތަކަށް ފުށޫއަރާ ގޮތްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސާކިއުލާގައިވެއެވެ.
އެލްޖީއޭއިން އެފަދަ ސާކިއުލާއެއް ނެރެފައިވަނީ، ގއ. އަތޮޅު ކައުންސިލާއި އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ބައްދަލުކުރެއްވި ފަހުންނެވެ. އެއާއެކު އެލްޖީއޭއިން ވަނީ، ގއ. އަތޮޅު ކައުންސިލް ތިން މަސް ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ.
އެލްޖީއޭގެ އެ ނިންމުމަށް، އެކިގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންގެ ފާޑުކިޔުން އަމާޒުވެގެންދިޔަ އެވެ. މީގެއިތުރުން، އިދިކޮޅު ސިޔާސީ ޕާޓީތަކުންވެސް ސަރުކާރުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ބޭރުގެ ފަރާތްތަކުން ސިފަކުރި ގޮތުގައި އެއީ ރާއްޖޭގެ ޑިމޮކްރަސީއަށް އެޅުނު ހުރަކެވެ. އަދި އެއީ ހިތާމަވެރި ނިންމުމެއް ކަމަށް ސަފީރުން ވިދާޅުވެފައިވެއެވެ.