އަތޮޅުތެރޭގެ ރަށްރަށުގައި ހިނގާ ކަންކަމުގެ މައުލޫމާތުތައް އެންމެ ފުރިހަމައަށް ސަރުކާރުން ހޯދަމުން ނުދާ ކަމަށް ގއ އަތޮޅު ކައުންސިލުން ބުނެފި އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގއ އަތޮޅު ކައުންސިލްގެ މެންބަރު ހުސައިން އާދަމް ވިދާޅުވީ، ގއ އަތޮޅަކީ މަސްވެރި އަތޮޅަކަށްވާ އިރު އެކަން ވެސް ފިޝަރީސް މިނިސްޓްރީން ބަލަމުން ނުދާ ކަަމަށާއި ފަތުރުވެރިކަމުގެ ދާއިރާ އިންތިހާއަށް ކުރިއަރަމުންދާ އިރު ޓޫރިޒަމް މިނިސްޓްރީން އެންމެ އެކަށީގެންވާ ގޮތުގައި އެއަތޮޅުގެ ކަންކަން ބަލަމުން ނުދާ ކަމަށެވެ. އޯވަރޯލް ކޮށް އެއްވެސް ވަރަކަށް ސަރުކާރުން ރަށްރަށުގައި ހިނގާ ކަންކަން ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.
" ގއ އަތޮޅުގެ ރައްޔިތުންނަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ބިނާ ކުރުމަށް ބުރަ މަސައްކަތް ކުރާ ބައެއް. މި އަތޮޅަކީ ގުދުރަތީ ގޮތުން ވެސް ގިނަ ވަސީލަތްތަކެއް ހުރި އަތޮޅެއް. އަތޮޅުގެ ރައްޔިތުންނަށް މިހާރަށް ވުރެ ފުދުންތެރި، ކާމިޔާބު ދިރިއުޅުމެއް ލިބިދާނެ، ސަރުކާރުން މިކަން ކަމަށް ވިސްނާ، ކައުންސިލްތަކަށް ވެސް ވަކި ހާއްސަ ރޯލެއް ދީގެން ކަންކަން ކުރުމުން. ސަރުކާރުން ކުރާ ކަންކަމަކީ އެއްވެސް ވަރަކަށް ކައުންސިލްތަކާއި ހިއްސާ ކުރާ ކަންކަމެއް ނޫން،" ހުސައިން އާދަމް ވިދާޅުވި އެވެ.
ހުސައިން އާދަމް ވިދާޅުވީ، ސަރުކާރުން އެކި ކަންކަމާއި ގުޅުވައިގެން ކަންކަން ނިންމާ އިރު، އެކަމަކީ އެއްވެސް ހާލެއްގައި އެރަށެއްގެ ރައްޔިތުން ހިތް ހަމަނުޖެހޭ ކަމަކަށް ވެސް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް މަޝްވަރާ ކޮށްގެން މިފަދަ ކަންކަން އިސްލާހު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގއ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ ސަރުކާރުން ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ކައުންސިލްތަކުގެ ބައިވެރިވުން ކުޑަ ކުރުމާއި އެ އަތޮޅު ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ސަބަބުން ރައްޔިތުންގެ ތާއީދު ސަރުކާރަށް ގެއްލިފައިވާ ކަމަށެވެ.