ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ ވިސްނުން ހުރީ އޭނާގެ ނޭފަތު ކުރިއާ ހަމައަށް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
ޝިފާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނުގެ ވިސްނުމުގެ ކޮށިކަމުން ހަމްދަރުދީވާ ކަމަށެވެ. އަދި ނޭފަތުގެ ކުރިއަށް ވުރެ ދުރަށް ނިހާނުގެ ވިސްނުން ގެންދެވޭނަމަ އެފަދަ ވާހަކައެއް ވިދާޅުނުވީސްކަން ކަށަވަރު ކަމަށެވެ.
#PPM Pg leader ge visnumuge koshikamah hamdharudhuvan. Neyfathuge kuriyah vure dhurah @ahmed_nihan ge visnun gendheveynama thifadha vaahaka’eh nubuneeskan kashavaru. https://t.co/IPwdpTH2zz
— Mohd Shifaz#FreePN (@mdpshippe) December 27, 2017
ޝިފާޒު އެގޮތަށް ވިދާޅުވެ ނިހާނުއަށް ރައްދު ދެއްވީ ނިހާނު ވިދާޅުވި ވާހަކައަކާ ގުޅިގެންނެވެ. ނިހާނު ވިދާޅުވެފައި ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބޭރުގެ ޕްރެޝަރާ އެކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވައިފިނަމަ، އެ މަނިކުފާނު ވަންނަވަން ޖެހޭނީ ޖަލަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކޮށް، ދިވެހިން އެދޭ ގޮތަށް ރާއްޖޭގެ ހާލަތު ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސްް ނަޝީދު ވިދާޅުވުމާ ގުޅިގެން، ނިހާން ވަނީ ރައީސް ނަޝީދުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ރައީސް ނަޝީދުގެ އިތުރުން އިދިކޮޅު ލީޑަރުންނަށްވެސް ނިހާނާއި ސަރުކާރަށް ނިސްބަތްވާ އިސްފަރާތްތަކުން ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
މިފަހަކަށް އައިސް ސިޔާސީ ގިނަ ޖަލްސާތަކާއި އިވެންޓްތަކުގައި ރައީސް ޔާމީންއާއި ސަރުކާރުގެ އިސްވެރިން ތަކުރާރުކޮށް ގެންދަވަނީ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުންނެވެ. ހަމަ އެގޮތުން އިދިކޮޅު ފަރާތްތަކުން ވެސް ގެންދަވަނީ އެވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.