ރާއްޖެއާއި އިންޑިއާ ސިފައިން ގުޅިގެން އިންޑިއާގެ ކަރްނާޓަކާގައި ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީންތައް މިއަދު ނިމޭނެއެވެ.
ކަރްނާޓަކާގެ ބެލްގަމްގައި ކުރިއަށްދިޔަ މި ތަމްރީންތަކުގައި ކުޑަ ޓީމްތަކުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތާއި، ޖަންގަލި އަދި އަރބަން މާހައުލުތަކުގައި އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ގޮތުގެ ތަމްރީންތައް ދީފައިވެއެވެ. ދެޤައުމުގެ އަސްކަރިއްޔާއިން އެއް ޤައުމު އަނެއް ޤައުމުގެ ތަޖުރިބާތަކާއި ތަމްރީންތައް ހިއްސާކޮށްފައިވެއެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ބުނީ ކުޑަ ޓީމްތަކުން ކުރިއަށްގެންދާ އޮޕަރޭޝަންތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން މި ތަމްރީންތައް ކުރިއަށްދިޔައިރު، މިފަދަ ތަމްރީންތަކަކީ މުހިއްމު ތަމްރީންތަކެއްކަމަށެވެ. ސަބަބަކީ އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގައި ބޮޑެތި ޓީމްތަކަށްވުރެ ކުޑަ ޓީމްތަކުގެ ބޭނުންތެރިކަން އިތުރުވުންކަމަށް އިންޑިއާގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
މި އަސްކަރީ ތަމްރީންތަކަށް ދިޔަ ދިވެހި ސިފައިން ވަނީ އިންޑިއާގެ ބިޖާޕޫރަށްވެސް ޒިޔާރަތްކޮށްފައެވެ. އަދި މިދަތުރުގައި އިންޑިއާގެ ތާރީޚާއި ސަޤާފަތާބެހޭ މައުލޫމާތު ދިވެހި ސިފައިން ހޯދިކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.
ޗައިނާގެ ނުފޫޒު އިންޑިއާ ކަނޑުގައި ގަދަވަމުންދާއިރު، އިންޑިއާއިން ގެންދަނީ ސަރަހައްދުގެ ޤައުމުތަކާއިއެކު އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރަމުންނެވެ. އެގޮތުން ދާދި ފަހުން އިންޑިއާގެ ޕޫނާގައި ސްރީ ލަންކާގެ އަސްކަރިއްޔާއާއެކު ވެސް ތަމްރީންތަކެއް ބާއްވާފައިވެއެވެ.
"އެކުވެރިން"ގެ ނަމުގައި ކުރިއަށްދާ މިތަމްރީންތަކަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ކޮންމެ އަހަރަކުވެސް އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީންތަކެކެވެ. ޗައިނާގެ މައްސަލައިގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވީނަމަވެސް، ދެޤައުމުގެ ސަރުކާރުންވެސް ބުނަމުންދަނީ ގުޅުންތައް ރަނގަޅުކަމަށެވެ.